Roadha Mihaaru

ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު؛ ބުނީ އެއީ ކަން ހިނގި ގޮތް ނޫން ކަމަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
ނާޒިމް ހަސަން
ނާޒިމް ހަސަން

30 ޖެނުއަރީ 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވައި، ދައުވާ ސާފުކޮށްދީފަ އެވެ.

މީގެ ކުރިން ބައްސާމްގެ ދެ ވަކީލުން އެ މައްސަލައިން ތަނާޒުލްވެފައި ވާއިރު، މިއަދު އޭނާ ކޯޓަށް ވަޑައިގަތީ އެހެން ވަކީލަކާ އެކު އެވެ. އެ ވަކީލް ވަނީ ދައުވާއަށް ޖަވާބުދާރީވާން، ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިސްލާއިމް ޝަފީއު ވިދާޅުވީ އެގޮތަށް ޝަރީއަތް ކުރިއަށް ނުދާނެ ކަމަށާއި މިއަދު ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް، ބައްސާމް އަމިއްލައަށް ވިޔަސް ދައުވާއަށް ޖަވާބުދާރީވާން މިއަދު ޖެހޭނެކަން ގާޒީ އަންގަވާފައިވެ އެވެ.

ގާޒީގެ އެންގުމާ އެކު ބައްސާމްގެ ވަކީލް ވިދާޅުވީ ދެ ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށެވެ. ދައުވާތަކަށް ބައްސާމް އިންކާރު ކުރަނީ ވަކީލް ވިދާޅުވި ގޮތުގައި، ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތް ނޫން ކަމަށް ވާތީ އެވެ.

ދެ ދައުވާއަށް ބައްސާމް އިންކާރު ކޮށްފައިވާތީ، ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. އެހެންވެ، ދެން އަޑުއެހުމެއް ބާއްވާނީ އެ ހުށަހެޅުންތައް ހުށަހެޅުމަށެވެ.

ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރި އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ އުފުލީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ބައްސާމް ގަތުމަށްޓަކައި އަމިން ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައިގެން އަމިން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.

މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. އަދި ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ.

އެ މައްސަލާގައި އަމިން ކުންފުންޏާއި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކަށް ވެސް ދައުލަތުން އޮތީ ދައުވާކޮށްފަ އެވެ.