26 ޖުލައި 2024
ކައުނުގައިވާ ކޮންމެ އެއްޗެއް ވެސް ޖޯޑު ހަމަވާ ގޮތަށް މާތްﷲ ހައްދަވާފައިވަނީ މަތިވެރި އިލާހީ ހިކުމަތެއްގެ ދަށުންނެވެ. އިންސާނާ ވެސް ފިރިހެނަކާއި އަންހެނަކު އެކުވެގެން ޖޯޑު ހަމަވާ ގޮތަށް އެކަލާނގެ ހެއްދެވި އެވެ. އެހެންވެ ކައިވެނީގެ ގުޅުމަކުން މި ދެފަރާތް ގުޅުން އެއީ އިންސާނީ ފިތުރަތެއް ކަމުގައި ވެދެއެ ވެ. އަދި މި ފިތުރަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ދަރިފަސްކޮޅު ދެމިގެންދެ އެވެ. ހަމައެއާ އެކު، ކައިވެންޏަކީ އިޖުތިމާއީ ޒަރޫރަތަކަށް ވެސް ވެދެ އެވެ. އާއިލާ އުފައްދައި އާއިލާގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަވާ އަސާސީ ނިޒާމެއް ކަމުގައި ކައިވެނި ވެ އެވެ. ޝަރުއީ ހަމަތަކުގެ މަތިން މި ނިޒާމު ކުރިއަށްދާ ނަމަ އިންސާނާގެ ނަފްސު އަޚުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ޖިންސީ ގޮތުން ތަހުޒީބުކުރަން އެހީތެރިކަން ލިބިގެންދެ އެވެ.
ކައުނުގައިވާ ކޮންމެ އެއްޗެއް ވެސް ޖޯޑު ހަމަވާ ގޮތަށް މާތްﷲ ހައްދަވާފައިވަނީ މަތިވެރި އިލާހީ ހިކުމަތެއްގެ ދަށުންނެވެ. އިންސާނާ ވެސް ފިރިހެނަކާއި އަންހެނަކު އެކުވެގެން ޖޯޑު ހަމަވާ ގޮތަށް އެކަލާނގެ ހެއްދެވި އެވެ. އެހެންވެ ކައިވެނީގެ ގުޅުމަކުން މި ދެފަރާތް ގުޅުން އެއީ އިންސާނީ ފިތުރަތެއް ކަމުގައި ވެދެއެ ވެ. އަދި މި ފިތުރަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ދަރިފަސްކޮޅު ދެމިގެންދެ އެވެ. ހަމައެއާ އެކު، ކައިވެންޏަކީ އިޖުތިމާއީ ޒަރޫރަތަކަށް ވެސް ވެދެ އެވެ. އާއިލާ އުފައްދައި އާއިލާގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަވާ އަސާސީ ނިޒާމެއް ކަމުގައި ކައިވެނި ވެ އެވެ. ޝަރުއީ ހަމަތަކުގެ މަތިން މި ނިޒާމު ކުރިއަށްދާ ނަމަ އިންސާނާގެ ނަފްސު އަޚުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ޖިންސީ ގޮތުން ތަހުޒީބުކުރަން އެހީތެރިކަން ލިބިގެންދެ އެވެ.
މާތްﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އަދި ﷲ ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި ދަރިންގެ ދަރިން ލައްވައި، އަދި ރަނގަޅު ހަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒުގު ދެއްވި އެވެ." (އައްނަޙްލު 72). މި އާޔަތުގެ ނިމޭ ބައިން އެނގޭ ގޮތުގައި މިއީ ﷲ ގެ ނިއުމަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި މި ނިއުމަތަށް ކުފުރުވެގެން ނުވާނެ އެވެ.
މި ނިއުމަތަށް ކުފުރު ނުވުމަށްޓަކައި ކައިވެންޏަށް ކިރިޔާ ވެސް ކުޅަދާނަ ކަމެއް ލިބިގެންވާ މީހާ ކައިވެނި ކުރަން އިސްލާމްދީނުގައި ބާރު އަޅާފައި ވެ އެވެ. ޒާހިދުވުމުގެ ނަމުގައި އަމިއްލަ އަށް ރަހުބާނީވެ ގަތުމަށްޓަކައި ކައިވެނި ނުކޮށް ހުރުމަކީ ނަބިއްޔާ ﷺ ގެ ސުންނަތާ ޚިލާފު ކަމެއްކަން އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެ އެވެ. (ބުޚާރީ). ކައިވެންޏަކީ ރަސޫލުބޭކަލުންގެ ވެސް ސުންނަތެއް ކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެން ވެ އެވެ. (އައްރަޢުދު 38). ހަމަމިއާ އެކު، ކައިވެންޏަކީ އިސްލާމީ ޝަރީއާގެ މައިގަނޑު ފަސް މަގުސަދުގެ ތެރެއިން ނަސްލު ރައްކާތެރި ކުރުމުގެ މަގުސަދު ހާސިލު ކުރުމަށްޓަކައި ވެސް މުހިންމު ކަމެކެވެ. މި މުހިންމަތް އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ އިސްލާމީ ޝަރީއާގައި ހަމަޖެހިފައިވާ އުސޫލުން ކައިވެނީގެ ނިޒާމު ދަމަހައްޓައިގެންނެވެ.
ޝަރުއީ ހަމަތަކުގެ މަތިން ކައިވެނީގެ ނިޒާމު ދަމަހައްޓާ ނަމަ އެންމެ ފުރަތަމަ ކަމަކީ ހައިވާނުންގެ އުސޫލު ދޫކޮށްލައި، އިންސާނީ ކަރާމާތް ދެމެހެއްޓެމަށްޓަކައި ޝަރުއީ ހަމަތަކުގެ މަތިން ކައިވެނި ކޮށްގެން ޖިންސީ ޝަހުވަތު ފުއްދުމެވެ. ﷲ އަންގަވަނީ އާދަމުގެ ދަރިން އެކަލާނގެ މާތް ކުރެއްވެވި ކަމަށެވެ. އެއްގަމާއި ކަނޑުގައި އިންސާނާ އުފުއްލަވައި ރަނގަޅު ހަލާލު ތަކެތިން ރިޒުގު ދެއްވާ ކަމަށެވެ. (އަލްއިސްރާއު 70).
ވީމާ ކައިވެންޏަށް އޮންނަ އިންސާނީ ފިތުރަތުގެ ނިދާ އަށް އިޖާބަ ދޭން ވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް އިންސާނާ އަށް އެންމެ ލާއިގުވެގެންވާ ގޮތަށެވެ. އެއީ އިސްލާމީ ހަމަތަކުގެ މަތިން އާއިލީ ނިޒާމު ދެމެހެއްޓުމެވެ. މި ހަމަތަކުގެ މަތިން ކައިވެނީގެ ނިޒާމު ދަމަހައްޓާ ނަމަ ޖިންސީ ގޮތުންނާއި ސުލޫކީ ގޮތުންނާއި އިޖުތިމާއީ ގޮތުން އިންސާނާގެ ނަފްސު ތަޒުކިޔާ (ސާފުވެ ޒީނަތްވެ ތަހުޒީބު) ވެގެން ދާނެ އެވެ. އިންސާނާގެ ނަފްސު ތަޒުކިޔާ ކުރުމަކީ އިންސާނާގެ ދިރިއުޅުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ތަގުވާވެރިވާން އޮންނަ މަގެވެ. އެހެންވެ، ނަފްސު ތަޒުކިޔާ ކޮށްގެން ނޫނީ ކާމިޔާބެއް ނެތެވެ.
ޝަރުއީ ހަމަތަކުގެ މަތިން ކައިވެނި ކުރުމުން އިންސާނާގެ ޖިންސީ ޝަހުވަތު ފުއްދާނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންވެ، އެންމެ ފުރަތަމަ ކަމަކަށް ޝަރުއީ ހަމަތަކުގެ މަތިން ޖިންސީ ޝަހުވަތުގެ ގުނަވަން ރައްކާތެރި ކުރަން މަސައްކަތް ކުރާނެ އެވެ. އެއީ ތަގުވާވެރިންގެ ތެރެއިން ވުމަށްޓަކަ އެވެ. އަދި ހައްދުފަހަނައަޅައި ނުދިއުމަށްޓަކަ އެވެ. (އަލްމުއުމިނޫން 1-7)
މާތް ﷲގެ ވަހީބަސްފުޅުގައި ވަނީ ނަފްސު ތަޒުކިޔާ (ތާހިރުކޮށް ތަހުޒީބު) ކޮށްފި މީހަކަށް ކާމިޔާބު ކަށަވަރު ކަމަށެވެ. އަދި ނަފްސަށް އުނިކަންދީފި މީހަކަށް ނާކާމިޔާބު ކަށަވަރު ކަމަށެވެ. (އައްޝަމްސު 9-10).
ނަފްސު ތަޒުކިޔާ ކުރެވޭނީ ނަފްސުގައިވާ އައިބުތަކާއި ނުރަނގަޅު ސިފަތައް ފުހެލައި، ދޮވެލައި އޭގެ ބަދަލުގައި ރަނގަޅު ސިފަތަކުން ނަފްސު ޒީނަތް ކޮށްގެންނެވެ. މިކަމުގައި ވަރަށް މުހިންމު ފިޔަވަޅުތަކެއް ހިމެނެ އެވެ. ވަރުގަދަ އަޒުމެއް އޮންނަން ޖެހެ އެވެ. ނަފްސު ތަހުޒީބު ކުރަން ގަދަ އަޅައި މަސައްކަތް ކުރަން ޖެހެ އެވެ. އެ މަސައްކަތް އަމިއްލަ އަށް ބަލަހައްޓަން ޖެހެ އެވެ. މިގޮތަށް ބެލެހެއްޓުމުގެ ތެރެއިން ނަފްސު ހިސާބު ކުރަން ޖެހެ އެވެ. މީގެ ނަތީޖާ ރަނގަޅު ނޫން ނަމަ ނަފްސު ކުށްވެރިކުރަން ޖެހެ އެވެ.
ޝަރުއީ ހަމަތަކުގެ މަތިން ކައިވެނި ކުރުމުން އިންސާނާގެ ޖިންސީ ޝަހުވަތު ފުއްދާނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންވެ، އެންމެ ފުރަތަމަ ކަމަކަށް ޝަރުއީ ހަމަތަކުގެ މަތިން ޖިންސީ ޝަހުވަތުގެ ގުނަވަން ރައްކާތެރި ކުރަން މަސައްކަތް ކުރާނެ އެވެ. އެއީ ތަގުވާވެރިންގެ ތެރެއިން ވުމަށްޓަކަ އެވެ. އަދި ހައްދުފަހަނައަޅައި ނުދިއުމަށްޓަކަ އެވެ. (އަލްމުއުމިނޫން 1-7)
ދެ ވަނަ ކަމަކަށް ޝަރުއީ ކައިވެނީގެ ތެރެއިން ޖިންސީ ޝަހުވަތު ފުއްދުމަކީ ސަދަގާތެއް ކަމަށް ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާފައި ވުމުން އެ މަންފާ ލިބިގަތުމަށް މަސައްކަތް ކުރާނެ އެވެ.
ތިން ވަނަ ކަމަކަށް އަންހެނުންގެ މައްސަރުކަންތަކާއި ނިފާސްކަމުގެ ދުވަސްވަރުގައި އެ ކަނބަލުންނާ ކައިރިއެއް ނުވާނެ އެވެ. އެއީ ކީރިތި ޤުރްއާނުގައި އެކަން މަނާ ކުރައްވާފައި ވާތީ އެވެ. (އަލްބަޤަރާ 222) އަދި ކީރިތި ރަސޫލާ ވެސް މިކަމަށް މިގޮތަށް އިރުޝާދު ދެއްވާފައި ވާތީ އެވެ.
ހަތަރު ވަނަ ކަމަކަށް އަނބިންނަކީ ނަސްލު އިތުރު ކުރުމަށްޓަކައި ދަނޑު ބިމެއް ފަދަ ބަޔަކަށް ވާތީ ނަސްލު އިތުރުވާން އޮންނަ މަގު ފިޔަވައި އެހެން މަގަކުން ޖިންސީ ޝަހުވަތު ނުފުއްދާނެ އެވެ. (އަލްބަޤަރާ 223)
މިކަމަށް އިތުރަށް ބާރު ލިބެނީ ކީރިތި ރަސޫލާ ﷺ ވެސް މިކަމަށް ވަރަށް ވަރުގަދަ އަށް އިރުޝާދު ދެއްވާފައިވާތީ އެވެ. މިފަދަ ހަމަތަކުގެ ސަބަބުން ޖިންސީ ހައިސިއްޔަތުން ނަފްސު ތަޒުކިޔާ ކުރުމުގައި ކައިވެނި މުހިންމު ދައުރެއް އަދާކުރެ އެވެ.
އިޖުތިމާއީ އަދި އަޚުލާގީ ހައިސިއްޔަތުން ނަފުސު ތަހުޒީބު ކުރަން ވެސް ޝަރުއީ ކައިވެނި މުހިންމު ދައުރެއް އަދާކުރެ އެވެ. ސަބަބަކީ އިންސާނާ ދިރިއުޅުމަށްޓަކައި ކުރާ ބުރަ މަސައްކަތްތަކުގެ ތެރެއިން ނަފުސަށް އަންނަ ނުތަނަވަސްކަމާއި ފިއްތުންތައް އޭނާގެ ސުލޫކުގެ ވަޒަން ހިފެހެއްޓުމަށް ނުބައި ގޮތުގައި އަސަރުކުރާ ދަނޑިވަޅުގައި ނަފުސަށް ހަމަހިމޭންކަން ހޯދަން ރުޖޫއަ ވާން އޮތް ފަރާތެއް ކަމުގައި ހަޔާތުގެ ބައިވެރިޔާ ވާތީ އެވެ. މިގޮތަށް މިކަން މާތްﷲ ލައްވަވާފައިވާ ކަމާއި އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާއި އަދި އެކަން ފުރިހަމަވުމަށްޓަކައި ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާތެރިވުން ވެސް އެކަލާނގެ ލެއްވެވިކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. (އައްރޫމް 21 އަދި އަލްއަޢުރާފު 189).
މި ހަމަހިމޭންކަން ވެގެން ދަނީ އިންސާނާގެ ނަފްސު މުރާޖައާ ކޮށްލަން ލިބޭ ފުރުސަތަކަށެވެ. އެހެންވެ، ދިރިއުޅުމުގެ ހަޔާތުގައި ގޯސްކޮށް ކުރެވުނު ކަންކަން ފާހަގަކުރެވި، އިސްލާހު ކުރަން މަސައްކަތް ކުރަންޖެހޭ ގޮތް ދެނެގަނެވެ އެވެ. މީހާގެ އަޚުލާގު ރަނގަޅު ކުރެވެ އެވެ. އިޖުތިމާއީ ގުޅުމަށް އައި ހީނަރުކަން ފިލުވައިލެވެ އެވެ.
އިޖުތިމާއީ ވަރަށް ގިނަ ހުނަރުތަކަކަށް ތަމްރީނު ލިބޭ ކަމެއް ކަމުގައި ވެސް ކައިވެނި ވެ އެވެ. އެހެނީ ކައިވެނީގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކަށާއި ދަރިންނަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށްޓަކައި ވަރަށް ބުރަ އުފުލަން ޖެހޭތީ އެވެ. ވަރަށް ބޮޑަށް ކެތްތެރިވާން ޖެހޭތީ އެވެ. މި ބުރަ އުފުލުމާއި ކެތްތެރި ކަމަކީ ވަރަށް މަތިވެރި ދަރުމަ ލިބިގެންދާ ކަންކަމެވެ. އެހެނީ މިއީ ހަމައެކަނި ތިމާގެ އަމިއްލަ ނަފުސު އެކަނި އިސްލާހު ކުރުމަށްޓަކައި އުފުލާ ބުރައަކަށް ނުވެ އެހެން މީހުން އިސްލާ ހުކުރުން ވެސް އޭގައި ހިމަނައިގެން އުފުލާ ބުރައަކަށް ވާތީ އެވެ. މި މަސްއޫލިއްޔަތުތައް އުފުލުމުގައި ފިރިމީހާއެކޭ އެއްފަދައިން އަނބިމީހާ ވެސް ބައިވެރިވާން ޖެހެ އެވެ. އެހެނީ އާއިލާގެ މަސްއޫލިއްޔަތު އުފުލުމުގައި ދެމީހުންގެ ޒިންމާ ވެސް އޮތްކަން ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައިވާތީ އެވެ.
ވީމާ، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ކުރެވޭ ކައިވެނި ވެގެން މިދަނީ އިންސާނާ ތަހުޒީބު ކުރުމުގައި ޖިންސީ ހައިސިއްޔަތުން ވިޔަސް އިޖުތިމާއީ ހައިސިއްޔަތުން ވިއަސް އަދި އަޚުލާގީ ހައިސިއްޔަތުން ވިއަސް އެހީތެރިވެދޭ ކަމެއް ކަމުގަ އެވެ.
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
އާއިލާތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު-1
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
އިސްލާމީ ނަޒަރުން އާއިލާގެ ވެރިޔާގެ މުހިންމުކަން
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އެއްބަސްވުންތަކަށް ވަފާތެރިވުމުގެ ފައިދާ ވަރަށް ބޮޑު