Roadha Mihaaru
ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި

ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި

27 ޖުލައި 2024

މި އަހަރުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފި އެވެ.

މި އަހަރުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފި އެވެ.

އޭނާ ޗެމްޕިއަންކަން ހޯދީ މިއަދު އޮތް ފައިނަލް ހީޓުގައި އުމުރުން 14 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާ ވާދަކޮށް ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.

ދެ ރާޅާއެޅުންތެރިން ވެސް ފައިނަލްގައި މުޅި އެކު ތިން ރާޅާ އެޅި އިރު، ފަހު ދެ ރާޅަށް ހޯދި 7.50 އާއި 5.50 ޕޮއިންޓާ އެކު ސްމައިލީ ވަނީ ޖުމްލަ 13 ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ ދެ ރާޅުގައި 2.33 އާއި 8.67 ޕޮއިންޓް ހޯދައިގެން ކަޔާން ޒަކީ ވަނީ ޖުމްލަ 11 ޕޮއިންޓް ހަމަކޮށްފަ އެވެ.

މިއީ މުލީގައި ސްމައިލީ، 30، ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މުލީ މުބާރާތުގައި ސްމައިލީ ވާދަ ނުކުރާ އިރު، އޭގެ ކުރީ އަހަރުގެ މުބާރާތުން ސްމައިލީ ކެޓީ ހަތަރު ވަނަ ބުރުންނެވެ. ހަމަ އެއާ އެކު މިއީ 2022 ވަނަ އަހަރު ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާގައި ޗެމްޕިއަންކަން ހޯދި ފަހުން ސްމައިލީ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.

ސެމީ ފައިނަލްގައި ސްމައިލީ ވަނީ ނަޖާހު މުހައްމަދު (ކަބޯ) އާ ވާދަކޮށް 12.37 ޕޮއިންޓް ހޯދައިފަ އެވެ. ކަބޯ އަށް ހޯދުނީ 11.50 ޕޮއިންޓެވެ. ކަބޯ އަކީ މިއަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާގެ ޗެމްޕިއަނެވެ.

ކުއާޓާ ފައިނަލްގައި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް ސްމައިލީ ވަނީ 11.10 ޕޮއިންޓް ހޯދައިފަ އެވެ. އިނާނަށް ލިބުނީ 7.90 ޕޮއިންޓެވެ.

ކަޔާން ޒަކީ ސެމީ އަށް ދަތުރުކުރީ ކުރީގެ ގައުމީ ދެ ޗެމްޕިއަނުން ބަލިކޮށްފަ އެވެ. ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް ޖުމްލަ 8.10 ޕޮއިންޓް ސްކޯކޮށް، 2.93 ޕޮއިންޓްގެ ތަފާތަކުން ސެމީގެ ހީޓް ކާމިޔާބު ކުރިއިރު، ކުއާޓާގައި ވަނީ އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާ ވާދަކޮށް ޖުމްލަ 13 ޕޮއިންޓް ހޯދައިފަ އެވެ. ކުޑައިއްސެ އަށް ލިބުނީ 9.67 ޕޮއިންޓެވެ.

ކަޅެގަލެކޮޑާގައި ސްމައިލީ ވަނީ ސެމީ ފައިނަލްގައި ވާދަ ކޮށްފަ އެވެ. އަދި ބުދަ ދުވަހު މ. މުލީގައި ފެށި މުބާރާތުން ކަބޯ ކެޓީ ސެމީ ފައިނަލް ހީޓުންނެވެ. މިއާ އެކު މިހާތަނަށް ޖުމްލަ 1،730 ޕޮއިންޓާ އެކު މިއަހަރުގެ ދިވެހި ސާފް ލީގު ރޭންކިންގެ އެންމެ ކުރީގައި މިވަގުތު އޮތީ ކަބޯ އާއި ސްމައިލީ އެވެ.

ލީގުގައި ކުރިއަށް ދެ މުބާރާތް އެބަ އޮތެވެ. ދެން އޮންނާނީ އޮގަސްޓް 27 އިން 30 އަށް ކ. ތުލުސްދޫގައި ބާއްވާ ރަންދާ ރާޅުގަނޑު މުބާރާތެވެ. އަދި ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާނީ އޮކްޓޫބަރު 27 އިން ނޮވެމްބަރު 2 އަށެވެ.

ލީގު މުބާރާތެއްގެ ކުރިން އޮގަސްޓް 17 އިން 24 އަށް ތުލުސްދޫގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ބާއްވާނެ އެވެ.