Roadha Mihaaru
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ

ރަންދާ ރާޅުގަނޑުގައި ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ސާފަރުން ހޮވިއްޖެ

28 އޯގަސްޓް 2024

މި އަހަރުގެ ދިވެހި ސާފް ލީގުގައި، ކ. ތުލުސްދޫގައި ބާއްވާ ރަންދާ ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ބައިން އެތުލީޓުން ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

މި އަހަރުގެ ދިވެހި ސާފް ލީގުގައި، ކ. ތުލުސްދޫގައި ބާއްވާ ރަންދާ ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ބައިން އެތުލީޓުން ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި މުހައްމަދު އިނާން އަބްދުލް ހަންނާން ވާދަ ކުރާނެ އެވެ. ދެ ވަނަ ހީޓުގައި ވާދަ ކުރާނީ ކަޔާން އަބްދުﷲ އަރީފް އާއި ޔަސީން އަހުމަދު ނާޝިދެވެ.

އިއްޔެ ފެށި ރަންދާ ރާޅުގަނޑު މުބާރާތުގައި ޖޫނިއާ ހަތް ސާފަރުން ބައިވެރިވި އެވެ. އެގޮތުން އިއްޔެ ވަނީ ފުރަތަމަ ދެ ބުރުގެ ހީޓްތަކާއި ކުއާޓާ ފައިނަލްގެ ހީޓުތައް ނިންމާލައިފަ އެވެ.

އިނާން އާއި ކަޔާން ޒަކީ ފުރަތަމަ ހީޓުން ކުރި ހޯދައި ކުއާޓާ ފައިނަލުން ސީދާ ޖާގައެއް ހޯދި އިރު، ދެ ވަނަ ހީޓުން ކުއާޓާ އަށް ހޮވުނީ ކަޔާޏް އަރީފް އާއި ޔަސީން އެވެ.

ދެ ވަނަ ބުރުގެ ހީޓުގައި ވާދަކޮށް ކުއާޓާ އިން ފުރުސަތު ހޯދީ ސައްޔިދު ސަލާހުއްދީނާއި އަހުމަދު ލުޒެއިން އެވެ.

ކުއާޓާގެ ފުރަތަމަ ހީޓުގައި އެއް ވަނަ ހޯދީ އިނާން އެވެ. އޭނާ ވަނީ 13.77 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ހޯދީ 12.17 ޕޮއިންޓް ހޯދި ޔަސީން އެވެ. އޭނާ ދެ ވަނަ ހޯދީ 12 ޕޮއިންޓް ހޯދި މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސައްޔިދު ފަހަތަށް ޖައްސާލައިފަ އެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި ކަޔާޏް އަރީފް 10 ޕޮއިންޓް ހޯދި އިރު، ކަޔާޏް ޒަކީ އަށް ލިބުނީ 8.53 ޕޮއިންޓެވެ. އަދި ލުޒެއިން އަށް އެއްކުރެވުނީ 7.60 ޕޮއިންޓެވެ.

ޖުމްލަ 26 ސާފަރުން ވާދަކުރާ ފިރިހެން އޯޕަން ބައިގެ ހީޓުތައް ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ. އެގޮތުން އިއްޔެ ވަނީ ފުރަތަމަ ދެ ބުރުގެ ހީޓުތައް ކުރިއަށް ގެންގޮސްފަ އެވެ.

ތުލުސްދޫގައި މުބާރާތް ކުރިއަށް ގެންދަން ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމީ، ކ. ހިންމަފުށީގައި ބާއްވާގޮތަށް އިއުލާން ކުރި "ގާމާދޫކޮޅު" މުބާރާތް ކެންސަލް ކުރުމަށް ފަހު އެވެ.

މިއީ، ތުލުސްދޫގައި ލީގު އިވެންޓެއް ބާއްވާ ދެވަނަ ފަހަރެވެ. ރަންދާ ރާޅުގަނޑުގައި މިދިޔަ އަހަރު ފިރިހެން އޯޕަން ބައިން ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ލީގާ އެކު ރެކޯޑް އަދަދަކަށް ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ގައުމީ ޓީމުގެ ކޯޗިންއާ ހަވާލުވި ހުސެއިން އަރީފް (އިބޫ) އެވެ.

އެމްއެސްއޭ އިން މިއަހަރުގެ ލީގުގައި ހަތަރު އިވެންޓެއް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ގދ. ގައްދޫގައި ބާއްވާ "ކަޅެގަލެކޮޑާ" މުބާރާތާއި މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތް ވަނީ ކާމިޔާބު ކަމާއެއެކު ނިންމާލައިފަ އެވެ.

ރަންދާ ރާޅުގަނޑު މުބާރާތަށް ފަހު ދެން އޮންނާނީ، މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ ލީގުގެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" އެވެ.