Roadha Mihaaru
"މާޒިޔާ އާއި ނިއުއާ ވާދަކުރެވޭނީ ރަނގަޅުކޮށްގެން"

މާޒިޔާ އާއި ނިއުއާ ވާދަކުރެވޭނީ އިތުރަށް ރަނގަޅުކޮށްގެން: ސޮބާ

26 ފެބުރުއަރީ 2017

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވީ ނަމަވެސް ގްރީން ސްޓްރީޓްސް އޮންނާނީ ސައިޒުގައި ކަމަށާއި މާޒިޔާ އާއި ނިއު ރޭޑިއަންޓް ފަދަ ޓީމުތައް ބަލިކުރެވޭނީ އިތުރަށް މަސައްކަތްކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވީ ނަމަވެސް ގްރީން ސްޓްރީޓްސް އޮންނާނީ ސައިޒުގައި ކަމަށާއި މާޒިޔާ އާއި ނިއު ރޭޑިއަންޓް ފަދަ ޓީމުތައް ބަލިކުރެވޭނީ އިތުރަށް މަސައްކަތްކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅެވެ. މެޗުގެ ކުރީކޮޅު އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ލަނޑާ އެކު މޮޅުވިއިރު ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

"ތިން ޕޮއިންޓް ލިބުނީމާ މުބާރާތުގެ ތެރެއަށް ކުރިއަށް ފިޔަވަޅެއް މި އެޅުނީ. ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓާ އަޅުގަނޑުމެން ސަޕޯޓަރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި ލިބުނީ. މިއީ އަޅުގަނޑުމެންނަށް މޯޓިވޭޝަނެއް. އެކަމަކު އަޅުގަނޑުމެން ތިބޭނީ ސައިޒުގައި. އަދިވެސް މިއީ އަށް ވަނަ ޓީމު،" ވިކްޓަރީ އާއި ވެލެންސިއާ އާއި ނިއު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

ސޮބާ ބުނީ ބޭނުމަކީ އެހެން ހުރިހާ ޓީމަކަށް ރަނގަޅު ފައިޓެއް ދިނުން ކަމަށާއި ގްރީން ސްޓްރީޓްސް އަކީ އާ ޓީމަކަށް ވިޔަސް ދުލެއް ނުދޭނެ ކަމަށާއި އަދި ބިރު ނުގަންނާނެ ކަމަށެވެ.

"މި ދަނޑުގައި އަޅުގަނޑު 16، 17 އަހަރު އުޅެފިން ތަފާތު ކުޅުންތެރިންނާ އެކު. ތަފާތު ބޭރު ކޯޗުން ފެނިއްޖެ. އޭގެ އެކްސްޕީރިއަންސްގެ އަލީގައި އަޅުގަނޑު ނުކުންނަނީ. އެއްގޮތަށް ވެސް އިދިކޮޅު ޓީމަށް ރެސްޕެކްޓްނުކުރުން ފަދަ ކަމެއް ނުކުރާނަން. އަޅުގަނޑުމެންގެ ކުޅުންތެރިން ވެސް ރެސްޕެކްޓް ކުރާނެ،" ސޮބާ ބުންޏެވެ. "އަޅުގަނޑަކީ މިތާގެ އެންމެ އާ ކޯޗު. އަނެެއްހެން ބުނަންޏާ ލައިސަންސް އަށް ބަލަންޏާ ވަރަށް މަތީ ލައިސަންސް ތިބި ކޯޗުން ވެސް އެބަތިބި. އެހެންވީމާ އަޅުގަނޑު ވިސްނާނީ އަޅުގަނޑުމެން މީ އަދިވެސް އެންމެ ދަށުގައި އޮތް ޓީމު ކަމަށް."

ސޮބާ ބުނީ ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ކަންތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި ރޭ ވިކްޓަރީ އަށް ނަސީބު ދެރަކަމުން ނިންމާނުލެވުނު ބޯޅަތަކެއް ވެސް ދިޔަ ކަމަށެވެ.

"އެކަމުގެ އަލީީގައި އަޅުގަނޑުމެން އިމްޕްރޫވްކުރާނަން. މާޒިޔާ ކަހަލަ ޓީމުތަކާ ކޮމްޕީޓެއް ނުކުރެވޭނެ އަދި މިވަރަށް ކުޅެގެން. ގަބޫލެއް ނުކުރަން ނިއު ރޭޑިއަންޓާ ކޮމްޕީޓެއް ކުރެވޭނެ ކަމަށް. މިހުރިހާ ކަމެއްގެ އަލީގައި އިތުރަށް މަސައްކަތްކުރާނަން،" ސޮބާ ބުންޏެވެ.

ގްރީންސް ސްޓްރީޓްސް ދެން ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ.