Roadha Mihaaru
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"

ރާއްޖެ އޮތީ މި ވަގުތުގެ އިގުތިސާދީ ހާލަަތުން ނުކުމެވޭނެ މަގުގައި ކަން ދުނިޔެ ގަބޫލުކުރޭ: ޒަމީރު

29 ޖުލައި 2024

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމަކީ ވަގުތީ ހާލަތެއް ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކުން އެހީވަނީ، ރާއްޖެ އޮތީ މި ހާލަތުން ނުކުމެވޭނެ އެންމެ ރަނގަޅު މަގުގައި ކަމަށް ދުނިޔޭގެ ލީޑަރުން ގަބޫލުކުރައްވާތީ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމަކީ ވަގުތީ ހާލަތެއް ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކުން އެހީވަނީ، ރާއްޖެ އޮތީ މި ހާލަތުން ނުކުމެވޭނެ އެންމެ ރަނގަޅު މަގުގައި ކަމަށް ދުނިޔޭގެ ލީޑަރުން ގަބޫލުކުރައްވާތީ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިސްލާހީ އެޖެންޑާ ދުނިޔެ ވަނީ ބަލައިގެންފަ އެވެ.

ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒަށް ފޮނުއްވި ޖަވާބުގައި ރާއްޖެ އިން ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދިނީ، ޒަމީރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ އިސްލާހީ އެޖެންޑާ ހަރުދަނާ ކަމަށް ޗައިނާގެ ސަރުކާރަށް ގަބޫލު ކުރެވޭތީ އެވެ.

ޗައިނާގެ އިތުރުން އިންޑިއާ އިން މިހާރު ވެސް ވަނީ ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފަ އެވެ.

"...ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނާއި ގައުމުތަކުގެ ވެރިން އަދި ލީޑަރުން ގަބޫލުކުރައްވާ، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން ނުކުމުގެން ދާން ޖެހޭ މަގުގައި ކަން އަޅުގަނޑުމެން މި ތިބީ،" ޒަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ތަރައްގީގެ އެޖެންޑާގައި ކުލަ ޖެއްސުމަށްޓަކައި، ބޭރު ގައުމުތަކާ މަޝްވަރާކޮށް އެހީތެރިކަން ހޯދުމަށްޓަކައި ހާރިޖިއްޔާގެ ގާބިލު ޓީމުން ދަނީ ކެނޑެނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.

މިގޮތުން، ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުން އިންވެސްޓުމަންޓުތައް ހޯދުމާއި ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ވެސް އެކި މަޝްރޫއުތައް ހިމެނޭ ގޮތަށް މިހާތަނަށް 160 މިލިއަނެއްހާ ޑޮލަރު ރާއްޖެ އަށް ދޭނެ ކަމަށް އަންގާފައިވާ ކަން މިނިސްޓަރު ހާމަކުރެއްވި އެވެ.