Roadha Mihaaru
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި

ބިދޭސީންގެ ލިމިޓެއް ގެންނާނެ، އެކަން ކުރާނީ ހާލަތަށް ބަލާފައި: އިހުސާން

30 ޖުލައި 2024

ރާއްޖެ އަށް އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ ކަމަށާއި އެކަން އެ ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ ކަމަށާއި އެކަން އެ ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރަން އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 ބިދޭސީންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެ އަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ނަމަވެސް، މި ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ ހަފުތާގައި ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ބަޔާން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަމަށެވެ.

ހޯމް މިނިސްޓަރު އިހުސާން "މިދިޔަ ބުރާސްފަތި ދުވަހު މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހޯމް މިނިސްޓަރު އިހުސާން "މިދިޔަ ބުރާސްފަތި ދުވަހު މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ އަދަދުތައް ކަނޑައަޅަން ވާނީ ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ކެބިނެޓުގެ ލަފާގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. މިނިސްޓަރު އިހުސާން "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ގައުމުގެ ތަރައްގީގެ ނަޒަރުން ބަލާއިރު ބިދޭސީން ގެންނަން އޮންނަ ޑިމާންޑަށް އެކި ދުވަސްވަރު ބަދަލު އަންނަ ކަމަށެވެ. މި ވަގުތު ތަރައްގީ ކުރަމުން އަންނަ ރަސްމާލެ އާއި ގުޅިފަޅާއި ތިލަފުށި އަދި އުތުރުތިލަފަޅު ހިއްކައި ނިމި، މަސައްކަތްތައް ފެށުމުން ކޮންސްޓްރަކްޝަން ދާއިރާ އަށް ބިދޭސީން ގެނައުމަށް އާދަޔާ ހިލާފު ޑިމާންޑެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން ޓޫރިޒަމަށް ލިބޭ ކުރިއެރުމާ އެކު، ނުހެދި ހުރި ރިސޯޓުތައް ނިންމުމާއި އަލަށް އެފަދަ ތަންތަން ހެދުމަކީ ވެސް ބިދޭސީން ގެނައުމަށް ޑިމާންޑު ބޮޑުވާ ކަންތައްތަކެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ

މިނިސްޓަރު ވިދާޅުވީ ދިވެހީންގެ ތެރޭގައި ލޭބަރުންގެ ބޮޑު ފޯސް އެއް ނެތުމުން ތަރައްގީގެ މަސައްކަތްތަކަށް ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ. އެގޮތަށް ގެނައި ނަމަވެސް، ކަންބޮޑުވާން ޖެހެނީ ބިދޭސީންގެ އަދަދު އިތުރުވުމަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިދޭސީންނަށް މަސައްކަތް ކުރެވޭ ދާއިރާތައް އިތުރުވުމަށް ވުރެ އެ މީހުންނަށް ހުއްދަ ނޯންނަ ދާއިރާތަކަށް ވަދެ ވިޔަފާރިކުރުމުގެ ކަންބޮޑުވުން އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، ބިދޭސީން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ދޭ އިރު އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކުރަން މީގެ ކުރިން ހުޅުވާލުމުން، އޭގައި ބައިވެރިވުމަށް ގަލޮޅު ދަނޑަށް އެއްވެ ތިބި ބިދޭސީންތަކެއް.-- ފައިލް ފޮޓޯ: މިހާރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކުރަން މީގެ ކުރިން ހުޅުވާލުމުން، އޭގައި ބައިވެރިވުމަށް ގަލޮޅު ދަނޑަށް އެއްވެ ތިބި ބިދޭސީންތަކެއް.-- ފައިލް ފޮޓޯ: މިހާރު

"ދައުލަތުން ބަދަލުކުރާ ސްޓޭންޑަކީ، ގާނޫނުގައި އޮންނަ ރިސްޓްރެކްޝަނެއް ބަދަލުކުރެވޭނީ ވަރަށް މަސައްކަތުން. އޭގެ ބަދަލުގައި ސަރުކާރުން ނަގާ ޑިސިޝަނަކަށް، އޭރަކު އޮންނަ އޮންނަ ލޭބަ ޑިމާންޑަކަށް ބަލާފައި އަދިވެސް ލިމިޓްތައް އޮންނާނެ. އެއީ 100،000 ތޯ ނުވަތަ 110،000 ތޯ ނުވަތަ 120،000 ތޯ އެ އިރެއްގައި އޮންނަ ޑިމާންޑަށް ބަލާފައި ނިންމާނެ،" އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންޝުއާ ކުރާނަން އެ ތިބޭ މީހުންނަކީ ގާނޫނާ އެއްގޮތަށް ތިބޭ މީހުންކަން. އެއީ ޔަގީން ކުރަން ބޭނުންވާ ކަމަކީ."

މިނިސްޓަރު ވިދާޅުވިގޮތުގައި، މިހާރު ކަނޑައަޅާފައިވާ 100،000 މީހުންގެ ލިމިޓް ރަނގަޅުތޯ ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ފަހު އެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ މީހުންގެ އުޅޭތީ ކުރީގެ ސަރުކާރުން ވަނީ އެ ގައުމުން ބިދޭސީން އިތުރަށް ގެނައުން މަޑުޖައްސާލައިފަ އެވެ. އޭގެ ބަދަލުގައި ބިދޭސީން ގެންނަން ހުއްދަ ދިނީ އިންޑިއާ އިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ނިންމުން ބާތިލްކޮށް، ބަންގްލަދޭޝް މީހުން ގެންނަން އަލުން ހުޅުވާލައިފަ އެވެ.