Roadha Mihaaru
އަތަމާ އަބްދުއްލަތީފަކީ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

އަތަމާ އަބްދުއްލަތީފަކީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

29 ޖުލައި 2024

މިއަދު އަވަހާރަވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުއްލަތީފް ހުސައިން (އަތަމާ އަބްދުއްލަތީފް) އަކީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު އަވަހާރަވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުއްލަތީފް ހުސައިން (އަތަމާ އަބްދުއްލަތީފް) އަކީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތަކާއި މިސްކިތް ބިނާކުރެއްވުމާއި ގިނަ އަދަދެއްގެ ދިވެހީން ހައްޖަށް ގެންގޮސްދެއްވުން ކަހަލަ ދަރުމަވެތި އެތައް ކަމެއް ގައުމަށް ކޮށްދެއްވާފައިވާ އަތަމާ އަބްދުއްލަތީފް އަވަހާރަވީ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

އަތަމާ އަބްދުއްލަތީފަކީ ދިވެހި ވިޔަފާރިވެރިންގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ އަޒުމާ އެކު ސާބިތުކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒަމާނާ ގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގުތިސާދަށް ގެނެސްދެއްވުމުގައި ވެސް އަތަމާ އަބްދުއްލަތީފަކީ މުހިންމު ހިއްސާދާރެއް ކަމަށެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަތަމާ އަބްދުއްލަތީފަށް ވަނީ ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން 1991 ވަނަ އަހަރު ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

"ގެއްލިގެން އެ ދިޔައީ ގައުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަހުސިއްޔަތެކެވެ،" ރައީސް ވިދާޅުވި އެވެ.

"މުޅި ގައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުހޫމްގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ."

އަތަމާ އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

އަތަމާ އަބްދުއްލަތީފަކީ ރާއްޖޭގައި ހައްޖަށް ދިވެހިން ގެންދިއުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެއްވި ބޭފުޅެކެވެ. އަތަމާ ހައްޖު ގްރޫޕްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާގެ ބެއްލެވުމުގެ ދަށުން ހައްޖު ގްރޫޕެއް ވެސް ހިންގެވި އެވެ. މީގެ އިތުރުން އެހެން ބައެއް ވިޔަފާރިތަކުގައި ވެސް އަބްދުއްލަތީފް ހަރަކާތްތެރިވެ ވަޑައިގަތެވެ.