Roadha Mihaaru
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"

އައްޑު އަށް އާ ޖެނަރޭޓަރެއް ގަނެފި، ކަރަންޓުގެ މައްސަލަ އަންނަ މަހު ހައްލު ވާނެ: ތޯރިގު

30 ޖުލައި 2024

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން އާ ޖެނަރޭޓަރެއް ގަނެފައިވާ ކަމަށާއި އެ މައްސަލަ އަންނަ މަހު ހައްލު ވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން އާ ޖެނަރޭޓަރެއް ގަނެފައިވާ ކަމަށާއި އެ މައްސަލަ އަންނަ މަހު ހައްލު ވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ، އައްޑޫ ހިތަދޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނަށް އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެއްވެސް ތަރައްގީއެއް ގެނެސްފައި ނެތުމުން އެ ތަނުގެ ހާލަތު ގޯސް ވެފައިވާ ކަމަށެވެ.

ސެންޓްރަލް ޕަވާ ސްޓޭޝަނަށް ބޭނުންވާ އިތުރު ޖެނަރޭޓަރުތައް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ގަނެފައި ނުވާ ކަމަށާއި މިހާރު ބޭނުންކުރާ ޖެނަރޭޓަރުތައް ވެސް އޭރު ނުބަލަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓް ކަރަންޓު ބޭނުންވެ އެވެ. ކަަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ.

އޭގެ ޖުމްލަ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓް ކަމަށާއި ނަމަވެސް އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމާ ގުޅިގެން މިހާރު އުފެއްދެނީ 15 މެގަވޮޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕީކް ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ އަދިވެސް އޮވޭ،" ތޯރިގު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން މި ސަރުކާރުން 1.5 މެގަވޮޓްގެ އާ ޖެނަރޭޓަރެއް ގަނެފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ ޖެނަރޭޓަރު ބަހައްޓާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

އިތުރު ތިން ޖެނަރޭޓަކަށް ބޭނުންވާ ސްޕެއާ ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތިން ޖެނަރޭޓަރު ވެސް އަންނަ މަހު އޮޕަރޭޝަނަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ހަލާކުވެފައިވާ ދެ މެގަވޮޓުގެ ދެ ޖެނަރޭޓަރު އޯވަހޯލް ކުރުމަށް ފަހު، މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވިދާޅުވީ އެއީ އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ކުރު ރާސްތާގެ ހައްލެއް ކަމަށެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލާގައި މިދިޔަ ހަފުތާގައި މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ އެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފަ އެވެ.