Roadha Mihaaru
ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން ރުހުން ދީފި

ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން ރައީސަށް ލަފާއަރުވަން މަޖިލިހުން ފާސްކޮށްފި

30 ޖުލައި 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސ މިނިސްޓަރުކަން ކުރެއްވި މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުން ވެސް ވޯޓު ދެއްވީ ފެންނަ ކަމަށެވެ. މަޖިލީހުގައި 85 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އިތުރު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ކޮމިޓީގެ މެންބަރުން މުނައްވަރާ ސުވާލު ކުރައްވައި، މައުލޫމާތުތައް ސާފުކޮށްފައިވާ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން ރައީސަށް މަޝްވަރާ އަރުވަން 94.43 ޕަސެންޓު މާކްސް ދެއްވި ކަމަށެވެ.

މުނައްވަރަކީ މީގެ ކުރިން އެމްއެމްއޭގައި ގިނަ މަސްއޫލިއްޔަތުތަކެއް އަދާ ކުރައްވައި ފިނޭންސް މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރައްވައި އަދި މާލީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ ކަންކަމަށް ބެލީމާ އެނގޭ ވަރަށް ސާފުކޮށް މި އަށް ވުރެ އެކަށީގެންވާ ބޭފުޅަކު އައްޔަން ކުރަން މިހާތަނަށް ރައީސަކު ފޮނުވާފައި ނުވޭ،" ގާސިމް ވިދާޅުވި އެވެ.

ގަވަރުނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އެމްޑީޕީ ސަރުކާރުން އައްޔަންކުރި އަލީ ހާޝިމް އެވެ. އަލީ ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ އޭނާ ވަކިކުރަން މަޖިލީހުން ރައީސް މުއިއޒަށް ލަފާ އެރުވުމާ ގުޅިގެންނެވެ.