Roadha Mihaaru
ބިދޭސީންނަށް އިހުމާލުވުމުން ޖޫރިމަނާކުރާ ބިލް ކޮމިޓީއަށް

ބިދޭސީންނަށް މުސާރަ ނުދޭ ނަމަ ބައި ލައްކައިގެ ޖޫރިމަނާ ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް

31 ޖުލައި 2024

ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ކުންފުނިތައް 50،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ކުންފުނިތައް 50،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 80 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމުން، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މުސާރާ ނުދޭ ކުންފުނިތައް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމުގެ އިތުރުން، އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 ބިދޭސީންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ބަޔާން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގަ އެވެ.

އެ އަދަދުތައް ކަނޑައަޅަން ވާނީ ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ކެބިނެޓުގެ ލަފާގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ އެސެސްމަންޓުގައި ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މިންވަރު ދެނެގަންނަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައެއް މެމްބަރުން ވަނީ ޖޫރިމަނާގެ އަދަދު ބޮޑުވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިގޮތުން، މުސާރަ ނުދޭ ކުންފުނިތަކުން އެކަމަށް އިހުމާލުވާ ކޮންމެ މުވައްޒަފަކު 50،000ރ. އިން ޖޫރިމަނާ ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، އެ މެމްބަރުން ވަނީ ކޮމިޓީ މަރުހަލާގައި އެ ކަން އިސްލާހު ކުރަން ގޮވާލައްވައިފަ އެވެ.

މީގެއިތުރުން، އެއް ގައުމަކުން ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ދިނުމުގެ ބަދަލުގައި، ގާނޫނުގައި ވަކި އަދަދެއް ކަނޑައަޅަން ވެސް މެމްބަރުން ގޮވާލެއްވި އެވެ.