Roadha Mihaaru
ބިދޭސީންގެ ނުސީދާ ވިޔަފާރި ހުއްޓުވާ ބިލު ފާސްކޮށްފި

ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާ ބިލު ފާސްކޮށްފި

29 ނޮވެމްބަރ 2021

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލްް ހަކީމް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ އިގުތިސާދީ ކޮމިޓީން ގެނައި ކުދިކުދި ބަދަލުތަކާ އެކުގަ އެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

އާއްމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަން އެ ބިލުގައި އޮތީ މައިގަނޑު ދެެ ބަދަލެކެވެ. ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމު ކުރިމަކީ އޭގެ އެއް ބަަދަލެވެ. އަނެއް ބަދަލަކީ ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގަބޫލު ކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ހެދުމެވެ.

ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރު ކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން އެ ބިލުގައި އެބައޮތެވެ. އެގޮތުން އެ މާއްދާގެ (ރ)ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަމްބަރުގައި އޮތީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުންް 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގައި ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ރަޖިސްޓްރާ އަށް ދޭން ބަދަލު ގެންނަނީ ގާނޫނުގެ 12 ވަނަ މާއްދާ އަށެވެ. އެ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ފަހަތަށްް އިތުކުރާ ފުރަތަމަ އަކުރުގައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެ އެވެ.

ސަރުކާރުން އެ ބިލު ހުށަހެޅި އެއް މަގުސަދު ކަމަށް ބިލުގައި ބުނެފައި އޮތީ ދިވެއްސަކު ނިވާފަތްގަނޑަކަށް ވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.