Roadha Mihaaru
ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި

ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި

01 އޯގަސްޓް 2024

އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެއަށް ދިން ހަމަލާއެއްގަ އެވެ.

މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކުރު ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓައި، ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަކަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާއިފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ހަނިއްޔާގެ ޖަނާޒާ އޮންނާނީ ހުކުރު ދުވަހު ގަތަރުގަ އެވެ. ހަނިއްޔާއަށް ކަށުނަމާދު ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި އޭނާ ފަސްދާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނެއްގައި ކަމަށް ވެސް ހަމާސް އިން ބުންޏެވެ.