Roadha Mihaaru
ނަތަންހާޔޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިމާ ގުޅޭގޮތުން ނަތަންހާޔޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

11 ސެޕްޓެމްބަރ 2019

އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އެ ގައުމުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އެ ގައުމުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ ބިމުން އެއްވެސް ތަނެއް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމަކީ މެދުއިރުމަތީގައި ދާއިމީ ހަމަޖެހުން ގެނައުމުގެ ފުރުސަތު އިތުރަށް ގެއްލިގެންދާނެ ކަމެއް ކަމަށް ބުންޏެވެ.

ރާއްޖެ އިން ވަނީ އެ މައްސަލައިގައި ވީހާ ވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ އެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާ އެކު. ރާއްޖެ އިން އަދިވެސް ގޮވާލާނީ މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ހިމެނޭ ގޮތަށް 1967 ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދަައުލަތެއް އޮތުމަށް،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.