Roadha Mihaaru
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

28 ފެބުރުއަރީ 2017

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންކުރުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންކުރުމެވެ.

ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން، ޖުލައި 22، 2015 ގައި ހުށަހެޅީ އެ ޑީލުގައި އެމްޑީޕީން ވެސް ބައިވެރިވެގެންނެވެ. "ފަޓާސް ބަރިއެއް ހެން" މަޖިލިސް ކުރިއަށް ގެންގޮސް ހަމަ އެ ދުވަހު އެ އިސްލާހު، 70 ވޯޓާ އެކު، ފާސްކުރީ އެވެ. ޖެހިގެން އައި ދުވަހު، ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އެ އިސްލާހު ތަސްދީގު ކުރެއްވި އެވެ.

މިއީ، ގާތްގަނޑަކަށް ފަސް އަހަރުން އެކުލަވާލި ގާނޫނުއަސާސީ އަށް މިހާތަނަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ. ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތް ހެދުން ފަދަ ގައުމީ ބޮޑު މައްސަލައެއްގައި ރައްޔިތުންގެ މަޖިލިހުން އަވަސް އަރުވާލެވޭނީ މި ވަރަކަށް ނޫން ހެއްޔެވެ؟

ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ޖުލައި 23، 2015 ގައި ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވަނީ: މި އިސްލާހު ބަދަލުކުރަން އެމްޑީޕީން ވަނީ މަސައްކަތް ފަށާފައި. --ފޮޓޯ: ރައީސް އޮފީސް

ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ޖުލައި 23، 2015 ގައި ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވަނީ: މި އިސްލާހު ބަދަލުކުރަން އެމްޑީޕީން ވަނީ މަސައްކަތް ފަށާފައި. --ފޮޓޯ: ރައީސް އޮފީސް

އެކަމަކު މި ބަދަލާ ދެކޮޅަށް އެންމެ ވަރުގަދަ އަށް މިހާރު އަޑުއުފުލަނީ އެމްޑީޕީންނެވެ. އެކަން އަނބުރާ އިއާދަކޮށް، ގާނޫނުއަސާސީ ކުރިން އޮތް ގޮތަށް ބަދަލުކުރަން އެ ޕާޓީން ވަނީ "ބޭކާރު" މަސައްކަތެއް ފަށައިފަ އެވެ. ބޭނުމަކީ، މިހާރު އަޑު ފެތުރިިފައިވާ ގޮތަށް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކިޔަ ނުދިނުމެވެ. އެ އިސްލާހު އަނެއްކޮޅަށް ދެން ޖެހުމަކީ މަޖިލިސް މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު، އެމްޑީޕީ އަށް ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރާނެ ކަމަށް އެމްޑީޕީން ދައްކާ ވާހަކަ މިހާރު ބޭކާރު ވަނީ މިހެންވެ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ދެކޮޅުހެދި ނަމަ، ރާއްޖޭގެ ބިމުން ކައިވަތެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް މިލްކެއް ނުކުރެވޭނެ އެވެ. އެކަމަކު ބޭރު ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 70 މެމްބަރުން، އެމްޑީޕީގެ 17 މެމްބަރުންނާ އެކު، ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން އެމްޑީޕީން ނެރުނީ ފްރީ ލައިން ވިޕެކެވެ. އެއީ، އެ މެމްބަރަކު ވޯޓު ދެއްވަން ބޭނުންފުޅުވާ ގޮތަކަށް ވޯޓު ދެއްވަން ދޫކޮށްލުމެވެ. އެ ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ފްރީ ލައިން ވިޕެއް ނެރުނީ ވެސް ބިލާ އެއްކޮޅަށް ވޯޓު ދޭން ނިންމައި، ޕާލަމެންޓްރީ ގްރޫޕުން ކުރި މަޝްވަރާގައި ބައެއް މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތުމުންނެވެ.

މި ކުޑަކުޑަ ގައުމާ މެދު އޭރު ގައުމީ ނަޒަރަކުން ވިސްނި ނަމަ، އެމްޑީޕީން ވިޕްލައިން ނެރެން ޖެހޭނީ އެ އިސްލާހާ ދެކޮޅަށެވެ. އެ ވޯޓުގައި އެމްޑީޕީން ފިތަން ޖެހޭނީ، އެތައް ބަޔަކު ދެކޭ ގޮތުގައި، ރަތަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. ބިން މިލްކުކުރެވޭ އިސްލާހު ފާސްކުރެވުނީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު --ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. ބިން މިލްކުކުރެވޭ އިސްލާހު ފާސްކުރެވުނީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު --ފޮޓޯ: އެމްޑީޕީ

އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ގެދޮރު އަޅަން ދޭ ބިން ފިޔަވައި އިތުރު ބޭނުމަކަށް ދިވެއްސަކަށް ވެސް ބިން ހިބަކޮށްދިނުމަކީ މިހާރު ވެސް އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. ބިން މިލްކުކުރުމާ އޭރު ދެކޮޅުހެއްދެވީ އެ ވިސްނުމުގައި ކަމަށާއި މިހާރު ވެސް އެކަމުގައި ވިސްނުން ބަދަލު ނުވާ ކަމަށް ވިދާޅުވި އެވެ.

ޕާޓީން އޭރު ފްރީ ލައިން ވިޕެއް ނެރުނު ސަބަބާ ގުޅޭ ގޮތުން އޭނާ ކޮމެންޓެއް ނުކުރެއްވި އެވެ. އެކަމަކު އެއީ، އެމްޑީޕީގެ ހަޔާތުގައި ވެސް މިހާތަނަށް ހެދި އެންމެ ބޮޑު ގޯސް ކަމަށް ސިފަކުރައްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އަވަސް އަރުވާލައިގެން، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ބޭރު ފަރާތްތަކަށް ބިން މިލްކުރެވޭ ގޮތަށް ހެދިއިރު، ރޮޒައިނާ ވިދާޅުވި ގޮތުގައި، އެކަމުގެ ގެއްލުން ބޮޑު ކަމާ މެދު ވިސްނާކަށް މެމްބަރުންނަށް ވަގުތެއް ވެސް ނުލިބެ އެވެ.

"ހަގީގަތުގައި، ރައްޔިތުންނަށް އެކަމާ ދޭތެރޭގައި ވިސްނާލާކަށް އަދި މަޖިލިސް މެމްބަރުން ވެސް އެކަމާ ދޭތެރޭގައި ވިސްނާލަން ފުރުސަތު ދީގެން ކުރި ކަމެއް ނޫން އެއީ. ހެނދުނު ހުށަހަޅާފައި ރޭގަނޑު ވިއިރު ފާސްކޮށް ނިންމައިފި. އެކަމާ މެދު މަޝްވަރާކޮށް، ގެއްލުންތަކާ ބެހޭ ގޮތުން ހިޔާލުފާޅުކުރަން މެމްބަރުންނާއި ރައްޔިތުންނަށް ވެސް ފުރުސަތެއް ނުލިބޭ. އެ މީހަކު، އެ މީހަކަށް ފެންނަ ގޮތަަކަށް ވޯޓު ލީ،" ރޮޒައިނާ ވިދާޅުވި އެވެ.

"އެކަމަކު އެ އިސްލާހު ފާސްވެގެން މި ހިސާބަށް މިއައިއިރު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ވަރަށް ސާފު ރައްޔިތުން މިކަމާ ދޭތެރޭގައި ދެކޭ ގޮތް."

އެމްޑީޕީން މިކަމުގައި މިހާރު ނުކުންނަން ޖެހުނީ އެހެންވެ ކަމަށް ރޮޒައިނާ ދެކެވަޑައިގަންނަވަ އެވެ.

އެމްޑީޕީ އަށް 64 ވޯޓު ހޯދިދާނެތަ؟

ބިދޭސީންނަށް ބިން މިލްކުކުރެވޭ އިސްލާހު ބަދަލުކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ވެސް ފަށައިފި އެވެ. އެ ޕާޓީގެ ވިސްނުން ހުރީ، ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކޮށް، ބިން ނުވިއްކޭނެ ހަރުކަށި ގޮތްތަކެއް ގާނޫނުއަސާސީގައި ހިމެނުމަށެވެ. އެ އިސްލާހު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެކަމަކު އެއީ މިހާރު ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދަށް ބަލާއިރު ވަރަށް އުނދަގޫ މަސައްކަތެކެވެ.

ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުންނެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި މަޖިލިހުގެ ނިސްބަތުން 64 މެމްބަރުންގެ ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ ގޮތަށް ބަލާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހަ މެމްބަރުންނާ އެކު ޕީޕީއެމް ކޮޅުގައި ޖުމްލަ 54 މެމްބަރުން އެބަ ތިއްބެވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފަޅީގައި ތިއްބެވި މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މިނިވަން މެމްބަރުންގެ ވޯޓާ އެކު ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން އެމްޑީޕީ އަށް އިތުރު 30 އަށް ވުރެ ގިނަ ވޯޓު ބޭނުންވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ގާނޫނުއަސާސީ އިސްލާހުކުރަން 64 ވޯޓު ބޭނުންވޭ.- ފޮޓޯ:  މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ގާނޫނުއަސާސީ އިސްލާހުކުރަން 64 ވޯޓު ބޭނުންވޭ.- ފޮޓޯ: މަޖިލިސް

ރޮޒައިނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު ނެތަސް ބިން މިލްކުނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން އެމްޑީޕީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރަން އެ ޕާޓީ ތައްޔާރެވެ. އެކަން މިހާރު އަނެއްކާވެސް އޮތީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތްމަތީގަ އެވެ.

"މެމްބަރުންގެ އިހްލާސްތެރިކަން ހުރި މިންވަރެއް މީގައި އޮތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ބޭރު ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ "މަޖިލީހުގެ މެޖޯރިޓީ ނެތަސް އެ އިސްލާހު ކާމިޔާބުކުރާނެ" ކަމަށެވެ. އަދި އެމްޑީޕީން އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް

ޕީޕީއެމް 48

އެމްޑީޕީ 21

ޖުމްހޫރީ ޕާޓީ 7

އެމްޑީއޭ 6

އަދާލަތު ޕާޓީ 1

މިނިވަން 2

ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހެޅުމުން މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވަން ޖެހޭނީ ދާއިރާ ރައްޔިތުންގެ ހިތާ ދެކޮޅަށެވެ.

"ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކުރުމުގެ ފުރުސަތެއް މި ލިބެނީ. މެމްބަރުން ވެސް މިކަމާ ދޭތެރޭގައި ވިސްނައި އެކަން ބަދަލުކުރަން ޖެހޭ. އޭރު އިސްލާހު އައި ގޮތުން އެ ފުރުސަތު ނެތަސް މިހާރު މިވަނީ އެކަމަށް މަގު ހުޅުވިފައި،" ރޮޒައިނާ ވިދާޅުވި އެވެ.

މި އިސްލާހު އެމްޑީޕީން ހުށަހެޅުމާ އެކު ގާނޫނުއަސާސީ އިސްލާހުކުރަން ވޯޓުދޭން އެ ދާއިރާއެއްގެ މެމްބަރުންގެ ކިބައިން ރައްޔިތުން ވެސް އެދެން ޖެހޭނެ ކަމަށް ރޮޒައިނާ ދެކެވަޑައިގަންނަވަ އެވެ.

ހެދި ގޯސް ރަނގަޅު ކުރަން ބޭނުން ވަނީ، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިހްލާސްތެރި ނިޔަތުގަ އެވެ. އެމްޑީޕީއާ އެކު ދިވެހި ރައްޔިތުން އެކަމުގައި ބައިވެރިވާން އެ މެމްބަރުން އެދިވަޑައިގަންނަވަނީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.