Roadha Mihaaru
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!

ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!

07 އޮކްޓޯބަރ 2019

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މިސްރާބު ބަދަލުވެ، ކުރީގެ ދެ ރައީސް، މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނަށް މެމްބަރުންގެ ވާހަކަތައް އަމާޒުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މިސްރާބު ބަދަލުވެ، ކުރީގެ ދެ ރައީސް، މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނަށް މެމްބަރުންގެ ވާހަކަތައް އަމާޒުވެއްޖެ އެވެ.

މަޖިލިހުގެ ޖަލްސާ ފެށުމާ އެކު، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ.

އެކަމަކު އެމްޑީއެންގެ ރިޕޯޓުގައި އޮތް އެއްޗަކަށް މެމްބަރުންގެ މެދުގައި ބަހުސް ކުރެއްވުމުގެ ބަދަލުގައި ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ނަޝީދާއި ޔާމީން އިސްލާމް ދީނާ ހިލާފަށް ދެއްކެވި ކަމަށް ބުނާ ވާހަކަތަކަށެވެ.

އެމްޑީޕީގެ މެމްބަރުން ނަޝީދު ދިފާއުކުރެއްވި އިރު، ޔާމީން ދިފާއުކުރެއްވީ އިދިކޮޅު މެމްބަރުންނެވެ. އެކަމުގެ ސަބަބުން މަޖިލިހުގެ ޖަލްސާގެ ގިނަ ވަގުތު ހިނގީ ވެސް ނިޒާމީ އޮއިވަރެއްގަ އެވެ.

ބައެއް މެމްބަރުން ވަނީ ދެ ބޭފުޅުން އެކި ދުވަސްވަރު ދެއްކެވި ވާހަކަފުޅުތަކުގެ ރިކޯޑިން ވެސް މަޖިލިހުގައި އިއްވަވައިފަ އެވެ. އެކަމުގެ ސަބަބުން މަޖިލިހުގެ ތަޅުން އިތުރަށް ހޫނުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ދޮޅު ބިލިއަން މީހުންގެ އިސްލާމީ އަގީދާ އަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ "މާތް ﷲ ގެ ދެ ވަނަ ދަރިންނެއް ނޫނޭ" ވިދާޅުވެ، ރާއްޖޭގެ ވަލީއުލްއަމުރު ވާހަކަފުޅު ދެއްކެވި އިރު، ބައެއް ބޭފުޅުން އޭރު ތިއްބެވީ އަތް ޖައްސަވަން ކަމަށެވެ.

ޔާމީނަށް އިޝާރާތް ކުރައްވައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އިސްލާމް ދީނުގައި "ﷲ ގެ ދެ ވަނަ ދަރިންނޭ" ބުނުމަށް ވުރެ ނުބައި ނުލަފާ ކަމެއް ނޯންނާނެ ކަމަށެވެ.

މަޖިލިހުގެ މިހާރުގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި މެމްބަރު ނަޝީދު ވިދާޅުވީ ވައްކަން ކުރާ މީހުން އަތް ކަނޑަން ނުޖެހޭނެ ވާހަކަ އާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސަށް ފުރައްސާރަ ކުރެއްވި އިރު، އެ ދުވަހު އަތް ޖެއްސެވީ "މި ތިއްބެވި 64 މެމްބަރުން" ކަމަށެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިިލިހުގައި އެމްޑީޕީގެ 64 މެމްބަރުން ތިއްބަވަ އެވެ.

"އެ ކަންކަން ވެސް ވާނީ ދީނަށް ފުރައްސާރަ ކުރުމަށް. ތިއީ ދީނަށް ފުރައްސާރަ ކުރާ މީހުންނަކީ. ތިއީ ލާދީނީ މީހުންނަކީ،" އެމްޑީޕީ މެމްބަރުންނަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ފެނުނީ މިސްކިތުގައި "ސަޖިދައަށާއި ރޫކޫއަށް ތިއްބައި" ނަގައި އެއްލާލި މަންޒަރު ކަމަށެވެ. ޕެޕާ ސްޕްރޭ ޖެހި އިރު، ހުރިހާ އެންމެން ތިބީ ހަނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިހުރު ހަދައިގެން މީހުންނަށް ވަޒީފާ ދިން އިރު ވެސް ގިނަ މީހުން ތިބީ ހަނުކަމަށް، ޕީޕީއެމްގެ މެމްބަރުންނަށް އިޝާރަތްކުރައްވައި، އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ "އަޅުގަނޑުމެންނަކީ ﷲ ގެ ދެ ވަނަ ދަރިން ނޫން" ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ އިއްވަވައި މިއީ ދީނަށް ފުރައްސާރަ ކުރުން ނޫންތޯ ސުވާލުކުރައްވައިފަ އެވެ.

"މި ގައުމުގައި ވެރިކަން ކޮށްފައި ހުރި މީހަކު ދެއްކި ވާހަކަ މިއީ. މި ވާހަކަ ދިފާއުކުރަން މަސައްކަތް މި ކުރަނީ،" އޯޑިއޯގެ ރިކޯޑިން ދެ ވަނަ ފަހަރަށް އިއްވެވުމަށް ފަހު އާޒިމް ވިދާޅުވި އެވެ.

އޭނާ ދެން އިއްވެވީ "ފައިސާ ފޮއްޗެއް ދީފި ނަމަ، ނުހިފާނީ ކާކުތޯ" ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ރިކޯޑިން އެވެ. އަދި މި ވާހަކަތައް ދެއްކެވި އިރު، ދީނުގެ ދިފާއުގައި، ނޫޅުއްވީ ކީއްވެތޯ އާޒިމް ވަނީ އިދިކޮޅު މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވަނީ "ބެންކޮކަށް ފައިސާ ދީގެން ހޯދާ އަންހެން ކުދިންނަކީ ހިލޭ އަންހެނުން ނޫން ކަމަށް" ކުރީގައި ވެރިކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އިރު، އޭރުގައި އެ މައްސަލަ ނަންގަވައި އެއްޗެއް ވިދާޅުވާން ނުކެރުނީ ކީއްވެތޯ އިދިކޮޅު މެމްބަރުންނަށް ސުވާލެއް އަމާޒުކުރައްވައިފަ އެވެ.

"އެއީތޯ އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރުމަކީ؟ މިއަދު ސިޔާސީ ބޭނުމެއްގައި މިތަނަށް ހުށަހަޅައިގެން ކީއް ކުރައްވަންތޯ ތި އުޅުއްވަނީ؟" ކުރީގެ ރައީސް ޔާމީން ކުރިން ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވައި، އަފީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މިއަދުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި އެހެން ބަހުސްތަކެއް ވެސް ހިނގި އެވެ.

ކުރީގެ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ހަމަހަމަކަމާ އެކު މަސައްކަތްޕުޅު ނުކުރައްވާ ކަމަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވުމުން ހޫނުވި އެވެ. އެއާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ޔާމީނަކީ "ފިނިފެންމަލެކޭ" ވިދާޅުވެ، ސައީދު ވާހަކަ ދެއްކެވުމަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

އޭގެ ޖަވާބުގައި ސައީދު ވިދާޅުވީ އަނދުން ހުސެއިނަކީ "ތެޔޮ ބިޑި ބޯ ބޭފުޅެއް" ކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ބޭނުންވާ އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ރިޔާސަތު ދެއްވާތީ، ހަމަހަމަކަމާ އެކު ކަންކަން ކުރިއަށް ގެންދަން، އޭނާ އެދިވަޑައިގަތެވެ.

"އެކި މީހުންނަށް އެކި އެއްޗެހި ފެންނާނީ، ބައެއް މީހުންނަށް ތެޔޮ ބިޑި ފެންނާނެ. ބިޔަރު ދަޅު ފެންނާނެ. ރާ ފުޅިފުޅި ފެންނާނެ. ފިނިފެންމާ ވެސް ފެންނާނެ،" ސައީދު ވިދާޅުވި އެވެ.

ރިޔާސަތުން ނަޝީދު ވިދާޅުވީ ހުރިހާ މެމްބަރުންނާ މެދުގައި ވެސް އަމަލުކުރައްވަނީ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

އާޒިމްގެ އޯޑިއޯއާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ އާޒިމަށް އޯޑިއޯ އިއްވެވުމުގެ ފުރުސަތު ދެއްވީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ގަވާއިދު ބުނާ ގޮތުން، އޯޑިއޯ އިއްވުން މަނަ އެވެ. އެކަމަކު މަޖިލިހުގެ ތަޅުމުން ވޯޓު ނަގައިގެން އެކަމަށް ހުއްދަ ދީފި ނަމަ އޯޑިއޯ އިއްވިދާނެ އެވެ.

ޓޮމް އެ މައްސަލަ ނެންގެވުމަށް ފަހު ވަނީ ބޭރު ގައުމެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ އަޑު އިއްވަވައިފަ އެވެ. ދެން އޭނާ ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ.

އެމްޑީއެންއަކީ އެމްޑީޕީގެ ބައެއް ކަމަށް ތޯރިގް ވިދާޅުވުމުން އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް އަޑުގަދަ ކުރެއްވި އެވެ.

އޯޑިއޯ އިއްވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ނެގުމުން، ތަޅުމުގައި ވޯޓަށް އަހައި، ފަހުން އެކަން މިއަދުގެ ޖަލްސާގައި މަނާ ކުރި އެވެ.