Roadha Mihaaru
އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދެނީ

އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް ތަމްރީނު ދެނީ

07 އޯގަސްޓް 2024

ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭން އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (އެމްއައިޓީ)އާ ގުޅިގެން ބާއްވާ ތަމްރީން ޕްރޮގްރާމް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭން އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (އެމްއައިޓީ)އާ ގުޅިގެން ބާއްވާ ތަމްރީން ޕްރޮގްރާމް ފަށައިފި އެވެ.

މި އަހަރު ބާއްވާ "ބޯޓު އޮޕަރޭޓަރޭޓާސް ޓްރެއިނިން" ޕްރޮގްރާމްގައި، 64 މީހަކު ބައިވެރިވި އެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި، އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. އަދި އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކާއި ނޭވިގޭޝަން ޗާޓާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ޕެސެންޖަރަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކަށް ވެސް ކެޕްޓަނުން އަހުލުވެރި ކުރުވާނެ އެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ހާއްލަތްތަކުގައި އަމަލުކުރާނެ ގޮތާއި އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް ވެސް މި ޕްރޮގުރާމުގައި ހިމެނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި އެކި ރިސޯޓުތަކުންނާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް ބައިވެރިވި އެވެ.

ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން އެ ސިނާއަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެލިއާއިން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަށް ރިސޯޓުތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ދެމުންދާ ތަރުހީބު އެލިއާއިން ފާހަގަކުރެ އެވެ.

އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގުރާމް ފަށާފައިވާ އިރު، ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ މި އަހަރުގެ ޕްރޮގްރާމް މިހާރު ވަނީ އިފްތިތާހު ކޮށްފަ އެވެ. މި އަހަރު އޮންނާނީ އެ ޕްރޮގްރާމުގެ ފަސް ވަނަ އެޑިޝަނެވެ.

މި އަހަރަކީ އެލިއާއިން ޔަމަހާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފްކުރިތާ 50 އަހަރުފުރޭ ރަންޔޫބިލް އަހަރެވެ.