Roadha Mihaaru
އޮލިމްޕިކްސްއިން ޖޮކޮވިޗް ރަން މެޑަލް ހޯދައިފި

އޮލިމްޕިކްސްއިން ރަން މެޑަލް ހޯދައި ޖޮކޮވިޗް ގޯލްޑަން ސްލޭމް ފުރިހަމަ ކޮށްފި

04 އޯގަސްޓް 2024

ޕެރިސް (އޮގަސްޓް 4) - ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް އުމުރުން 37 އަހަރުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް ރަން މެޑަލް ހޯދައި ކެރިއަރުގެ ގޯލްޑެން ސްލޭމް ފުރިހަމަ ކޮށްފި އެވެ.

ޕެރިސް (އޮގަސްޓް 4) - ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް އުމުރުން 37 އަހަރުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް ރަން މެޑަލް ހޯދައި ކެރިއަރުގެ ގޯލްޑެން ސްލޭމް ފުރިހަމަ ކޮށްފި އެވެ.

ޖޮކޮވިޗް ވަނީ ފިރިހެން ސިންގަލްސް ބައިގެ ފައިނަލްގައި މިރޭ ސްޕެއިނުގެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަރާޒްއާ ވާދަކޮށް 7-6 (7-3) އަދި 7-6 (7-2) އިން ކުރިހޯދައިފަ އެވެ.

ޖޮކޮވިޗް ވެފައި ވަނީ ޓެނިހުގެ ތާރީހުގައި ވެސް ސިންގަލްސް އިވެންޓުން ގޯލްޑަން ސްލޭމް ފުރިހަމަ ކުރި ފަސްވަނަ ކުޅުންތެރިޔާއަށެވެ.

އޮލިމްޕިކްސް ރަން މެޑަލް އާއި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް ކާމިޔާބު ކޮށްގެން މީގެ ކުރިން ގޯލްޑަން ސްލޭމް ފުރިހަމަ ކޮށްފައި ވަނީ އެމެރިކާގެ އަންޑްރޭ އަގާސީ އާއި ސްޕެއިންގެ ރަފެލް ނަޑާލްގެ އިތުރުން، އަންހެން ކުޅުންތެރިން ކަމަށްވާ އެމެރިކާގެ ސެރީނާ ވިލިއަމްސް އަދި ޖަރުމަނުގެ ސްޓެއްފީ ގްރާފް އެވެ.

ޖޮކޮވިޗް (މ)، އަލްކަރާޒް (ވ) އަދި ބްރޯންޒް މެޑަލް ހޯދި ލޮރެންޒޯ މުސޭޓީއާ އެކު.-- ފޮޓޯ: އޭއެފްޕީ

ޖޮކޮވިޗް (މ)، އަލްކަރާޒް (ވ) އަދި ބްރޯންޒް މެޑަލް ހޯދި ލޮރެންޒޯ މުސޭޓީއާ އެކު.-- ފޮޓޯ: އޭއެފްޕީ

"އަހަރެންގެ ހިތާއި ނަފުސު އަދި ހަށިގަނޑާއި އާއިލާގެ އިތުރުން ެއެހެން ހުރިހާ ކަމެއް ވެސް އެއްފަރާތް ކޮށްލީ އޮލިމްޕިކް ރަން މެޑަލްއެއް ހޯދުމަށް. މިއީ އާދަޔާ ހިލާފު ގަބޫލު ކުރަން ދަތި ދަތުރެއް،" ޖޮކޮވިޗް ބުންޏެވެ.

ރެކޯޑް 24 ގްރޭންޑް ސްލޭމްގެ އިތުރުން އެންމެ ގިނަ އޭޓީޕީ ފައިނަލްސް އާއި މާސްޓާސް 1000 އިވެންޓުގެ ޗެމްޕިއަންކަން އނެްމެ ގިނައިން ހޯދާފައި ވަނީ ވެސް ޖޮކޮވިޗެވެ. އޭނާ ވަނީ ހަތް ފަހަރު އޭޓީޕީ ފައިނަލްސް ކާމިޔާބުކޮށް، މާސްޓާސް 1000 ގެ 40 މުބާރާތުން ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގްރޭންޑް ސްލޭމް ތައްޓާއި ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ވުރެ ވެސް ބޮޑަށް އޮލިމްޕިކްސް ގައި ގައުމަށް ރަން މެޑައްޔެއް ހޯދައި ދިނުމަކީ ޖޮކޮވިޗް އެންމެ ބޮޑު އަމާޒެވެ. މީގެ ކުރިން އޭނާ ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކުރި ނަމަވެސް މިއަހަރު އަނިޔާގެ ސަބަބުން ކުއާޓާ ފައިނަލާ ހަމައިން އޭނާ އަށް ޖެހުނީ އެ މުބާރާތުން ވަކިވާށެވެ. އެނބުރި އައިސް މިދިޔަ މަހު އޮތް ވިމްބެލްޑަން ފައިނަލްގައި އޭނާ ބަލިވީ އަލްކަރާޒް އަތުންނެވެ. ނަމަވެސް ރޮލެންޑް ގެރޯސްގައި އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް މިވަނީ އޮލިމްޕިކްސްގެ އުންމީދު ހާސިލް ކޮށްފަ އެވެ.