Roadha Mihaaru
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ

ސިފްކޯއަށް އެކަނިވެސް 834 މިލިއަން، ދެ ކޯޕަރޭޓިވްއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ

06 އޯގަސްޓް 2024

ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް 834 މިލިއަން ރުފިޔާ އަދި ބޮޑު އަގުގައި ފުލުހުންގެ ފްލެޓްތައް ނިންމަން ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ދޫކުރި ގޮތެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް 834 މިލިއަން ރުފިޔާ އަދި ބޮޑު އަގުގައި ފުލުހުންގެ ފްލެޓްތައް ނިންމަން ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ދޫކުރި ގޮތެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އެމްއެމްއޭ އިން ފޮނުވާފައިވާ ސިޓީ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ވަކިވަކިން ދޫކޮށްފައިވާ ލޯނުތަކަކީ ކޮން ބަޔަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމާއި ސިފްކޯއަށް ދޫކޮށްފައިވާ 834 މިލިއަން ރުފިޔާގެ ތަފްސީލު ހޯދުމަށް އެދިވަޑައިގެންފަ އެވެ.

ނާޒިމް ވަނީ ޕޮލްކޯއަށް އެކި ފަހަރު މަތިން ލޯނު ދިން ނަމަވެސް އޭގެ ތަފްސީލު ނެތުމުން، އެއީ ކިހާ ވަރެއްކަމެއް ސާފު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ޕޮލްކޯ އަށް 700 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަން، ކުރިން ފޮނުވާފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. އެކަމަކު ދޫކުރި ލޯނުގެ އެންމެ ފަހުގެ މައުލޫމާތު އެ ސިޓީގައި ނުހިމެނެ އެވެ.

ނާޒިމް ވިދާޅުވީ އެކި ފަހަރު މަތިން ލޯނު ދޫކޮށްގެން ވެސް ފުލުހުންގެ ފްލެޓްތައް ނުނިމި އެތައް އަހަރެއް ދިގުލައިގެންދިޔަ ކަމަށެވެ. އެ ތަންތަން ފަހުން ހަދައި ނިންމީ ވެސް އާންމު އަގުތަކަށް ވުރެ ބޮޑު އަގެއްގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ޕޮލިސް ފްލެޓްތައް ނިންމަން ވެގެން މި ލޯނު ދެނީ. އެކަމަކު ދީދީއެއް ވެސް އެތަނެއް ނުއެއް ނިމުނު. އަނެއްކާ މިދިޔަ އަހަރު ވެސް ސަރުކާރުން ބިޑަށް ލައިގެން ނިންމާފައި އެ ހަވާލުކުރީ. އެހެންވީމާ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އާންމު ހައުސިން ޕްރޮޖެކްޓްތަކަށް ވުރެ ބޮޑެތި އަދަދު އެ ތަނަށް ހަރަދުވެއްޖެ، މި ދެންނެވީ އަކަފޫޓަކަށް ބެލިޔަސް،" ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، އެ ލޯނުގެ ޖުމްލަ އަދަދު ހިމެނޭ ގޮތަށް އިތުރު މައުލޫމާތުތައް ހޯދުމަށް އަލުން ފޮނުވުމަށް ކޮމިޓީން ފާސްކުރި އެވެ.

ދެ މަޝްރޫއުއެއް ގޮތަށް ފުލުހުންނާއި ސިފައިންނަށް ހުޅުމާލެ 1 ގައި ހަދަން ފެށި ފްލެޓްތަކުގެ މަސައްކަތް ނިންމީ އެ މަޝްރޫއުތައް ކުރިއަށް ގެންދާތާ 11 އަހަރު ފަހުން މިދިޔަ އަހަރު އެވެ. އެކި ސަބަބުތަކާ ހުރެ މަޝްރޫއު ހުއްޓި އެކި ފަހަރު މަތިން އެކި ކޮންޓްރެކްޓަރުންނާ ވެސް މަސައްކަތް ހަވާލުކުރި އެވެ.