Roadha Mihaaru
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި

އީރާނުގެ ރޭވުމަށް އެމެރިކާގެ ވެރިޔަކު މަރަން ރޭވިކަމުގެ ތުހުމަތަށް ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި

07 އޯގަސްޓް 2024

އީރާން ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ވެރިޔަކު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

އީރާން ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ވެރިޔަކު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އާސިފް ރިޒާ މާޗަންޓް، 46، ހައްޔަރުކުރީ އެމެރިކާގެ ސިޔާސީ ބޭފުޅެއް ނުވަތަ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އަވަހާރަކޮށްލަން ހަމަލާދޭނެ މީހަކު ހޯދަން އުޅެނިކޮށް ކަމަށެވެ.

އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ވިދާޅުވީ ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށް އީރާނުން އެމެރިކާގެ އޮފިޝަލުންނަށް ހަމަލާދޭން ރާވާތީ އެކަން ނާކާމިޔާބުކޮށްލަން ޖަސްޓިސް ޑިޕާޓްމަންޓުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އީރާނުން ގައުމުން ބޭރުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ މޭސްތިރި ކަމަށް އެމެރިކާއިން ބުނާ ސުލައިމާނީ އަވަހާރަކޮށްލީ ޖެނުއަރީ 2020 ގައި އިރާގުގެ ވެރިރަށް ބަޣްދާދުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގަ އެވެ. މިކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާންގެ އެކި އޮފިޝަލުން ވަނީ ދެއްވައިފަ އެވެ.

އާސިފް ހަމަލާދޭން މަސައްކަތްކުރީ ކޮން އޮފިޝަލަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެޓާނީ ޖެނެރަލް ވިދާޅުވީ މިދިޔަ މަހުގެ 13 ގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއާ އާސިފްއާ ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވޯރީ ވިދާޅުވީ އާސިފަކީ އީރާނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށާއި އޮފިޝަލަކަށް ހަމަލާދޭން މީހަކު ހޯދަން އޭނާ މަސައްކަތްކުރަމުން ދިޔައީ "އީރާންގެ ފޮތުގައި އޮންނަ ގޮތަށް" ކަމަށެވެ.

އެފްބީއައިގެ އެހެން އޮފިޝަލަކު ވިދާޅުވީ ހަމަލާދޭނެ މީހަކު ހޯދަން އާސިފް ކުރި މަސައްކަތުގައި މުއާމަލާތުކުރި މީހުންނަކީ ހަގީގަތުގައި އެފްބީއައިގެ އަންޑަކަވަ އެޖެންޓުން ކަމަށެވެ.

އާސިފް ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އޭނާ އެމެރިކާއިން ފުރައިގެން ދާން އުޅެނިކޮށެވެ.

އޯގަސްޓް 2022 ގައި އެމެރިކާ އިން ވަނީ އެމެރިކާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އީރާން މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އީރާން ސިފައިންގެ މީހެއް ކަމަށް ބުނާ އެ މީހާ ހައްޔަރެއް ނުކުރެވެ އެވެ. އެމެރިކާއިން ބުނާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ވަނީ ބޯލްޓަން އަވަހަރާކޮށްލައިފި ނަމަ 300،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އީރާނުން ވަނީ މިއީ ހިޔާލީ ވާހަކައެއް ކަމަށް ބުނެ އެމެރިކާގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ