Roadha Mihaaru
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް

އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ޓެނިސް ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް

08 އޯގަސްޓް 2024

މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވާ އެއް ހަރަކާތަކީ ފްރާންސުގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅިވަރު ތަރިން، އެއް މައިދާނަކުން ފެންނަ މި ބޮޑު ކުޅިވަރު އީދުގެ ބައެއް އިވެންޓްތަކުގައި ދިވެހި އެތުލީޓުން ވަނީ ވާދަކޮށް ގައުމު ފަހުރުވެރިކޮށްދީފަ އެވެ. ގޭމްސްގެ އެންމެ މަގުބޫލު އެއް އިވެންޓް ކަމަށްވާ ޓެނިހުގައި ރާއްޖޭން ވާދަނުކުރި ނަމަވެސް، ދިވެހިންނަށް އުފާވެރިކަން ލިބޭނެ މަންޒަރެއް ވަނީ ފެނިފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވާ އެއް ހަރަކާތަކީ ފްރާންސުގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅިވަރު ތަރިން، އެއް މައިދާނަކުން ފެންނަ މި ބޮޑު ކުޅިވަރު އީދުގެ ބައެއް އިވެންޓްތަކުގައި ދިވެހި އެތުލީޓުން ވަނީ ވާދަކޮށް ގައުމު ފަހުރުވެރިކޮށްދީފަ އެވެ. ގޭމްސްގެ އެންމެ މަގުބޫލު އެއް އިވެންޓް ކަމަށްވާ ޓެނިހުގައި ރާއްޖޭން ވާދަނުކުރި ނަމަވެސް، ދިވެހިންނަށް އުފާވެރިކަން ލިބޭނެ މަންޒަރެއް ވަނީ ފެނިފަ އެވެ.

ފިރިހެން ސިންގަލްސް އިން ބްރޮންޒް މެޑަލް ހޯދި އިޓަލީގެ ލޮރެންޒޯ މޫޒެޓީ އެ ފަހުރުވެރި ވަނަ ހޯދި މެޗުގައި ކަރުގައި އަޅައިގެން ހުރި ފަށުގައި އޮތީ، ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ، އޮއެވާލި އާޓް ޝޮޕުގެ 'މަންޓާ ރޭ ޕެންޑަންޓް އާތު ގޯލްޑް' އެކެވެ.

އޮއެވާލީގެ އެ ރީތި ފަށު ފުލުން ސިފަވާ ރާއްޖޭގެ ކަނޑުއަޑީގެ އެންމެ ހާއްސަ ދިރުން ކަމަށްވާ މަންޓާ ރޭ އާ އެކު، އޮލިމްޕިކްސްގެ މެޑަލް ސެރަމަނީގައި ރާއްޖެ ކޮންމެވެސް މިންވަރަކަށް ތަމްސީލުވީ އެވެ.

"ޕެރިސް އޮލިމްޕިކްސްގައި ލޮރެންޒޯ މޫޒެޓީ ބްރޮންޒް މެޑަލް ހޯދުމަކީ ލިބުނު އުފަލެއް އަދި، އަހަރެމެންގެ ގޯލްޑް އާތު މަންޓާ ރޭ ޕެޑަންޑް އާ އެކު މޫޓެޒީ ފެނުމަކީ ލިބުނު ބޮޑު ޝަރަފެއް،" ސިންގަޕޫރުގައި ވެސް ދާދި ފަހުން ފިހާރައެއް ހުޅުވި، އޮއެވާލީގެ އިންސްޓަގްރަމް ޕޯސްޓުގައިވެ އެވެ.

ކެނެޑާގެ ފެލިކްސް އޯޒޭ-އަލިއަސިމް އަތުން މޮޅުވެ ބްރޮންޒް މެޑަލް ހާސިލްކުރި މޫޓެޒީއާ އެކު މެޑަލް ސެރަމަނީން ފެނުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗާއި، މިވަގުތު އެންމެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަރާޒް އެވެ.

ސެމީ ފައިނަލުން މޫޓެޒީ ބަލިވީ، އޮލިމްޕިކްސް ރަން މެޑަލް ހޯދި ޖޮކޮވިޗް އަތުންނެވެ. މޫޓެޒީގެ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ މި އަހަރުގެ ވިމްބަލްޑަންގެ ސެމީ ފައިނަލަށް ކުރި ދަތުރު ވެސް ނިންމާލަން ޖެހުނީ އެ މުބާރާތުންގެ ސެމީން ޖޮކޮވިޗް އަތުން ބަލިވުމުންނެވެ.

ބެލެވޭ ގޮތުގައި މޫޓެޒީގެ ހިތް އެ ރީތި ފުލަށް ދެވުނީ، މިދިޔަ އަހަރު ރާއްޖޭގެ ބަގްލިއާނޯ މޯލްޑިވްސް ރިޒޯޓަށް ކުރި ދަތުރުގަ އެވެ. ލޯބިވެރިޔާއާ އެކު އޭނާ އެ ފަހަރު ރާއްޖެ އައީ އެ ރިޒޯޓުގައި އޮތް ލަގްޒަރީ ޓެނިސް ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.

ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންގެ ޓްރެވަލް އެންޑް ޓްރެއިނިން ސަޕޯޓް އޭޖެންސީއެއް ކަމަށްވާ ޓެނިސް ޓުއާ އޭޖެންސީ މެދުވެރިކޮށް ރާއްޖެ އައި މޫޓެޒީ ވަނީ އެ ރިޒޯޓުގެ ގެސްޓުންނާ އެކު ޓެނިސް މެޗުތައް ކުޅެ ބައެއް ޓްރެއިނިންތައް ވެސް ބާއްވައިފަ އެވެ. އަދި އެ ޕްރޮގްރާމަށް ފަހު އެ ރިޒޯޓުގައި ޗުއްޓީ ވެސް ހޭދަކުރި އެވެ.

ދުނިޔޭގެ 16 ވަނައިގައި މިވަގުތު އޮތް މޫޓެޒީ އަކީ އިޓަލީން 1976 ގެ ފަހުން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ޑޭވިސް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިޓަލީ ރައްޔިތުންނަކީ، ހާއްސަކޮށް އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ޒަމާނުއްސުރެ ރާއްޖެ އަށް ވަރަށް ގިނައިން ޗުއްޓީ ހޭދަކުރަން އަންނަ ބައެކެވެ. އޭގެ ތެރޭގައި އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕައޮލޯ މަލްޑިނީ އާއި، ރޮބާޓޯ ބާޖިއޯ، އަދި އަލެސަންދްރޯ ޑެލް ޕިއޭރޯ ހިމެނެ އެވެ.