Roadha Mihaaru
ޖައިޝަންކަރު މާދަމާ ރާއްޖެއަށް

ޖައިޝަންކަރު މާދަމާ ރާއްޖެއަށް، އައްޑުއަށް ވެސް ވަޑައިގަންނަވާނެ

08 އޯގަސްޓް 2024

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، މި ދަތުރުގައި އައްޑޫ ސިޓީއަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، މި ދަތުރުގައި އައްޑޫ ސިޓީއަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުގައި ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް އޭނާ ބައްލަވައިލައްވާނެ އެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީއަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރު ނިންމަވާލެއްވުމަށްފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިންނެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އަދި އައްޑޫގައި ހެދި ފުލުހުންގެ ކޮލެޖަކީ ވެސް އިންޑިއާގެ އެހީގައި ހިންގި މަޝްރޫއުއެކެވެ.

ޖައިޝަންކަރުގެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޖައިޝަންކަރާ ބައްދަލު ކުރެެއްވި އެވެ.

ދާދިފަހުން ފޮރިން މިނިސްޓަރު ޒަމީރު ވެސް ވަނީ އިންޑިއާއަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލު ކުރައްވައިފަ އެވެ. ޖައިޝަންކަރުގެ މި ދަތުރަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ކުރީގެ ސަރުކާރުގައި ތިން ފަހަރެއްގެ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުތަކުގައި ވެސް އައްޑޫ ސިޓީއަށް އޭނާ ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނަށްފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސް ވާގޮތަށް މި ސަރުކާރުގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ވެސް ދެ ގައުމުން ގޯސްވި އެވެ.

އެ މައްސަލާގައި އެ ތިން ޑެޕިޔުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައި ވާއިރު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން އިންޑިއާގައި ވަރުގަދަ ކެމްޕޭނެއް ވެސް އޭރު ކުރި އެވެ. އިންޑިއާގެ ބޮލީވުޑް އަދި ކްރިކެޓް ތަރިން ވެސް ބައިވެރިވި އެ ކެމްޕޭނަށްފަހު އިންޑިއާ ޓޫރިސްޓުން ރާއްޖެ އައުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އަނެއްކާވެސް ވަނީ ބަދަހިވާން ފަށައިފަ އެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން، މޯދީ އާ ވެސް ބައްދަލު ކުރެއްވި އެވެ. އަދި ދާދިފަހުން ފޮރިން މިނިސްޓަރު ޒަމީރު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މިދިޔަ މެއި މަހުގެ 10 ގެ ނިޔަލަށް ފޮނުވާލައި އެ މީހުންގެ ބަދަލުގައި އިންޑިއާގެ ސިވިލިއަނުން ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އިންޑިއާއިން ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން އަނެއްކާވެސް ވަނީ ފަށައިފަ އެވެ.