Roadha Mihaaru
އެއްވެސް އިރަކު އިންޑިއާ ބާކީއެއް ނުކުރަން: ރައީސް

ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އިންޑިއާ ބާކީއެއް ނުވޭ، އެއީ ގާތް ރަހުމަތްތެރިއެއް: ރައީސް

11 އޯގަސްޓް 2024

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އިންޑިއާ ބާކީ ނުކުރާ ކަމަށާއި އަދި އަބަދުވެސް އިންޑިއާ އޮންނާނީ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އިންޑިއާ ބާކީ ނުކުރާ ކަމަށާއި އަދި އަބަދުވެސް އިންޑިއާ އޮންނާނީ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިއުލާން ކުރެއްވި ރިޔާސީ މެނިފެސްޓޯގައި ވެސް އޮންނާނީ ރާއްޖޭގެ މިނިވަން ކަމަށް އިހްތިރާމްކުރާ ކޮންމެ ގައުމަކާ އެކު ގުޅުން ބޭއްވުމުގެ މައްޗަށް ކަމަށެވެ. އަދި އެ މެނިފެސްޓޯގައި އޭރު ވެސް އިންޑިއާ ބާކީ ނުކުރައްވާ ކަމަށާއި މިއަދު ވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ސިޔާސަތުގައި އެއްވެސް އިރަކު އެއްކައިރިއަކަށް ޖެހިފައެއް ނުވޭ. ކުރިއަށް އޮތް ތަނުގައި ވެސް ނުޖެހޭނެ. އިންޑިއާއާ އެކީގައި ހަމަ އެ ގާތް ގުޅުން ދެ ގައުމަށް ފައިދާވާ ކަންކަމުގައި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކަމަށާއި އެކަން ދެ ގައުމުގެ މަޝްވަރާއިން ހައްލުވެފައިވާ ކަމަށެވެ. އަދި މަޝްވަރާގެ އުސޫލުން ކަންކަން ކުރުމުން ރާއްޖެއަށް މިހާރު ވެސް އެތައް ފައިދާއެއް އިންޑިއާގެ ކިބައިން ލިބެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކާޑުގެ ކޯޓާ އެހެން އެއްވެސް ގައުމަކަށް ނުދޭ މިންވަރަށް ރާއްޖެއަށް ދީފި މިހާރު ވެސް. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެއްވާނެ. އަދި އަޅުގަނޑުމެން ދައްކަން ހުރި ދަރަނިތައް ވެސް ރޯލް އޯވާކޮށް ދިނުމާއި އެތައް ކަމެއް އެބަ ކޮށްދެއްވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހާރިޖީ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވެ އެވެ. އަދި ސިޔާސަތު ބިނާވާނީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީގެ މައްޗަށް ކަމަށްވާތީ އެ ސިޔާސަތާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ފުރުސަތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއާ ދެކޮޅަށް މި ގައުމުގެ ހަމަޖެހުން ނަގާލަން، މި ގައުމުގެ ތަރައްގީ ހުއްޓުވާލަން، މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭނެ ގޮތަކަށެއް ދިވެހި ރައްޔިތުން ވެސް ފުރުސަތެއް ނުދެއްވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޑިއާ ނޫނަސް، އެހެން ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް އަބަދުވެސް ބާއްވާނެ އެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު، އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިހާރު ގެންދަވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ޖައިޝަންކަރު އިއްޔެ ވަނީ ރައީސް މުއިއްޒާ ވެސް ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފަ އެވެ.

ދާދިފަހުން ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ވެސް ވަޑައިގެންފަ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމު މަޝްވަރާތަކެއް ކުރެއްވި ކަމަށް ޖައިޝަންކަރު އިއްޔެ ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ވިދާޅުވެ، ތާރީޚީ ގުޅުން ބަދަހިކަމާ އެކު އޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.