Roadha Mihaaru
ކޮޅުވެއްޓީގެ މައްސަލާގައި 1.1 މިލިއަން ދޭންޖެހިއްޖެ

މައްސަލަ ބޮޑުވި ކޮޅުވެއްޓީގެ މައްސަލާގައި ސިޓީ ކައުންސިލުން 1.1 މިލިއަން ދައުލަތަށް ދޭން ޖެހިއްޖެ

09 އޯގަސްޓް 2024

މީގެ 16 އަހަރު ކުރިން މާލޭ މުނިސިޕަލްޓީގެ ބޭނުމަށް ކޮޅުވެއްޓިއެއް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެ އުޅަނދުގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ 16 އަހަރު ކުރިން މާލޭ މުނިސިޕަލްޓީގެ ބޭނުމަށް ކޮޅުވެއްޓިއެއް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެ އުޅަނދުގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލް އުފެދުމުގެ ކުރިން 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިން ކްރާފްޓެއް ގެނައީ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ. އެ މައްސަލާގައި އެ ސެކްޝަންގެ އޭރުގެ އިސްވެރިއަކަށް ހުންނެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް އަރުވާލަން 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަން ވެސް ގެއްލުނެވެ.

އެ މައްސަލާގައި ކަސްޓަމްސް އިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ އެ އުޅަނދުގެ އިމްޕޯޓް ޑިއުޓީ ދައްކަން އެންގުމުން އެކަމަށް ކައުންސިލުން ދެކޮޅު ހެދި މައްސަލާގަ އެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން ވެސް ސިޓީ ކައުންސިލުން ވަނީ ޑިއުޓީ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް ކަސްޓަމްސުން ދައުވާ ކުރުމުން އެ ކައުންސިލުން ކޯޓުގައި ބުނެފައިވަނީ އެ އުޅަނދު ގެނެސްފައިވަނީ ކޮރަޕްޝަންގެ މުއާމަލާތެއްގެ ތެރެއިން ކަމަށްވާތީ އެ އުޅަނދަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ އުޅަނދު ގެނައީ ސިޓީ ކައުންސިލްގެ ނަމުގައި ކަމަށް ވާއިރު، އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމަކީ އިމްޕޯޓް ޑިއުޓީ ދެއްކުމުން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އެހެންކަމުން އެ އުޅަނދުގެ ޑިއުޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.