Roadha Mihaaru
މައިކަލް ޝިފާގެ އިންޓަވިއު: ރާއްޖެއިން ދައްކަނީ ނަމޫނާ

މައިކަލް ޝިފާގެ އިންޓަވިއު: މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ނަމޫނާ ދައްކާ

12 އޯގަސްޓް 2024

އެމެރިކާގެ އެހީ ދޭ އޭޖެންސީ، ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި، އޭނާ އަށް ފެނިވަޑައިގަތީ ދިވެހިން ދައްކާ ނަމޫނާ އެވެ. ކުޑަ ގައުމަަކަށް ވިޔަސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތުގައި ރާއްޖެ އޮތީ ކުރީ ސަފުގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމެރިކާގެ އެހީ ދޭ އޭޖެންސީ، ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި، އޭނާ އަށް ފެނިވަޑައިގަތީ ދިވެހިން ދައްކާ ނަމޫނާ އެވެ. ކުޑަ ގައުމަަކަށް ވިޔަސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތުގައި ރާއްޖެ އޮތީ ކުރީ ސަފުގަ އެވެ.

ތިން ދުވަހުގެ ދަތުރެއްގައި މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތް ޝިފާ "މިހާރު"އަށް ވިދާޅުވީ މޫސުމީ ބަދަލުތަކާއި އެކަމުގެ ހުރި ގޮންޖެހުންތައް ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ރާއްޖެ އިން އިސްވެ ކުރަމުން އަންނަ މި މަސައްކަތަކީ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާގެ ދަތުރުގައި ވަނީ ޔޫއެސްއެއިޑުން ރާއްޖެއަށް ދޭ ހިލޭ އެހީ އިތުރުކޮށްދިނުމުގެ އެއްބަސްވުމަކާއި ކުނި މެނޭޖުކުރުމާ ގުޅުން ހުރި ދެ އެމްއޯޔޫއެއް އަދި ހަކަތައާ ގުޅުންހުރި އެމްޔޯއޫއެއްގައި ސޮއިކުރައްވައިފަ އެވެ. އަދި އެ އެޖެންސީން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ވެސް އޭނާ ބައްލަވައިލެއްވި އެވެ.

ޔޫއެސްއެއިޑާއި ރާއްޖެއާ ދެމެދުގައި އޮތް މި ޒަމާންވީ ގާތް ގުޅުމުގެ ނަތީޖާ ވަރަށް ކާމިޔާބު. -- ޝިފާ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫއެސްއެއިޑުން ފަންޑުކުރާ "ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓް"ގެ ދަށުން ތަފާތު އެކި ހަރަކާތްތަައް އަންނަނީ ހިންގަމުންނެވެ.

ޔޫއެސްއެއިޑްގެ މި ޕްރޮޖެކްޓުން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ "ހޮލޯގޯ" އިން ތުރީޑީ އަދި އޭއާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހާއްސަ ޕްލެޓްފޯމަކީ އޭގެ އެއް ހަރަކާތެވެ؛ އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އޭގެ ހައްލު، ދަރިވަރުންނަށް ކިޔަވައިދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިލާވަޅުތައް "ވާޗުއަލް ރިއަލިޓީ"ގެ އެހީގައި، ދަރިވަރުން ޝައުގުވެރިވާނެ ގޮތަށް އުނގަންނައިދެވޭނެ އެވެ.

ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާ އެކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާ އެކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕްލެޓްފޯމް ޓެސްޓުކުރުމަށް މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަލް ސްކޫލްގެ ދަރިވަރުންނަށް "ހޮލޯގޯ"އިން ވަނީ އިންޑަކްޝަން ކުލާހެއް ނަގައިދީފަ އެވެ. މައިކަލް ޝިފާގެ މި ދަތުރުގައި އޭނާ ވަނީ މި އިންޑެކްޝަންގައި ދަރިވަރުންނާ އެކު ބައިވެރިވެވަޑައިގެންފަ އެވެ.

"މިއަދު ކްލާސްރޫމްގައި އަޅުގަނޑުމެންނަށް ފެނިއްޖެ ދިވެހި ދަރިވަރުންނަށް މޫސުމީ ބަދަލުތައް އުނގަންނައިދޭން ހޮލޮގޯއިން ތައްޔާރުކޮށްފައިވާ މި ޕްލެޓްޕޯމް މަސައްކަތް ކުރާ ގޮތް. މި ކަހަލަ ޕްރޮގްރާމެއްގެ އެހީގައި ކިޔަވަން ފުރުސަތު ލިބުމުން އެ ކުދިންގެ ޝައުގުވެރިކަން ބޮޑުވިކަން ވެސް ފާހަގަވި،" އޭނާ ވިދާޅުވި އެވެ.

"ހޮލޯގޯގެ މި ޕްރޮޖެކްޓް އަދި މި ފެށުނީ. އެ ކުލާސްރޫމުން ފެނުނު ކަންކަމަށް ބަލާފައި އަޅުގަނޑު ބުނާނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް މި ޕްލެޓްފޯމްގެ އެހީގައި ދަރިވަރުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސަރުކާރާއި ބައިނަލްއަގުވާމީ މުޖުތަމައު ޖަވާބުދާރީކުރުވޭނެ ޖީލެއް އުފެއްދޭނެ."

ހޮލޯގޯ އިން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ފިލާވަޅެއް ނަގައިދޭއިރު، ޔޫއެސްއެއިޑްގެ ވަފުދު އެ ކުލާހުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޮލޯގޯ އިން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ފިލާވަޅެއް ނަގައިދޭއިރު، ޔޫއެސްއެއިޑްގެ ވަފުދު އެ ކުލާހުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ދަތުރުގައި އޭނާ ވަނީ ދިވެހި ސަރުކާރާއި މަދަނީ ޖަމިއްޔާތައް އަދި ޔޫއެސްއެއިޑުގެ ޕާޓްނަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުކަން އޭނާ ކުރައްވާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރުވެއްޖެ އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ އެމެރިކާގެ ސެނެޓުގަ އެވެ.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުގެ ހައިސިއްޔަތުން އޭނާގެ ޒިންމާއަކީ ދެކުނު އޭޝިއާ އާއި ސެންޓްރަލް އޭޝިއާ އާއި އިތުރުމަތީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ޔޫއެސްއެއިޑްގެ އެހީގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތައް ވިލަރެސްކުރުމެވެ.

ޔޫއެސްއެއިޑުން ރާއްޖެގައި ހަރަކާތްތައް ހިންގާތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެ އެވެ. މައިކަލް ޝިފާ ސިފަކުރެއްވި ގޮތުގައި، ޔޫއެސްއެއިޑާއި ރާއްޖެއާ ދެމެދުގައި އޮތް މި ޒަމާންވީ ގާތް ގުޅުމުގެ ނަތީޖާ ވަރަށް ކާމިޔާބެވެ.

ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފާއިތުވި އަހަރުތަކުގައި ޔޫއެސްއެއިޑުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް އަދި އިސްކަމެއް ދިނީ ވެސް މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތަށެވެ. ސަބަބަކީ ރާއްޖެ އަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަށް ވާތީ އެވެ.

މައިކަލް ޝިފާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ވެށި ހިމާޔަތްކުރުމަށާއި ތިމާވެއްޓާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރުމަށް ދިވެހި ސަރުކާރުގެ ކެޕޭސިޓީ އިތުރުކޮށް، ވަރުގަދަކުރުމަށްޓަކައި މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ޔޫއެސްއެއިޑުން ވަނީ ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ އެވެ.

އޭނާގެ ދަތުރުގައި ވަނީ ދިވެހި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން އެމެރިކާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށްވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ)ގެ ދަށުން ދޭ ހިލޭ އެހީ ވެސް އިތުރުކޮށްދީފަ އެވެ. އިތުރު 8.5 މިލިއަން ޑޮލަރާ އެކު އެ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިތުރުކޮށްދިން އެހީއާ އެކު، އެ އެޖެންސީން ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.