Roadha Mihaaru
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލާ އެކު، ރައްޔިތުންގެ ބައިވެރިވުން ތަންކޮޅެއް ވެސް ކުޑަނުވާނެ: ރައީސް

11 އޯގަސްޓް 2024

ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ތަންކޮޅެއް ވެސް ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ތަންކޮޅެއް ވެސް ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ކައުންސިލްގެ އިދާރާ އަށް ވަޑައިގެން އެ ތަނުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށެވެ. އެ ނިޒާމަށް އެ މަނިކުފާނު ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކާއި ރައްޔިތުންނަށް ވެސް އެއްވެސް ދެރައެއް ނުލިބޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.

ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ. އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާ އިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ އެވެ.

ނަމަވެސް، މި ބަދަލު ގެންނަން އުޅޭތީ އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ. ލޯކަލް ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް މިއަދު މާލޭ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މި ތުހުމަތުތަކަށް ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.

އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ: ރައީސް

"އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ،" މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހަމައެކަނި އަޅުގަނޑު މިހާރު މި ބޭނުންވެގެން އުޅެނީ ނިޒާމުގެ އެފިޝެންސީ އިތުރުކުރަން، ކުރިއަށް އޮތް ތަނުގައި ކުރަން ހުރި ކަންކަން މިހާރަށް ވުރެ ފުރިހަމައަށް ކުރުމުގެ ކަންތައްތަކެއް ގާނޫނަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއް ވެސް ކުޑަވާކަށް ބޭނުމެއް ނޫން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އޮވެގެން އެހެން ނަމަވެސް މިހާރަށް ވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ، ބައެއް ރަށްރަށުގައި މިހާރަށް ވުރެ ސައިޒު ތަންކޮޅެއް ކުޑަވާން."

މާލޭ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މި ވަގުތު ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރި ދަތިތައް ރައީސްއާ ހިއްސާކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިން ގޯއްޗާއި ފްލެޓްތައް ހައްގުވެރިންނަށް ލިބުމުގައި ލަސްވާ މައްސަލަ އާއި މާލޭގެ ޕާކިންގެ މައްސަލަތަކާއި މަގުތަކުގެ މައްސަލަތަކާއި ސަހަރާތަކުގެ ޖާގަ ފުރުމުގެ މައްސަލަ އާއި އުދައެރުމުގެ މައްސަލަތަކާ އަދިވެސް ވަރަށް ގިނަ މައްސަލަތައް ހިމެނެ އެވެ. އަދި ހުޅުމާލޭގައި ސިޓީ ކައުންސިލްގެ ފަރާތުން މުނިސިޕަލްޓީގެ ހިދުމަތް ފެށުމަށް ހުރި ގޮންޖެހުންތަކާ ވެސް ރައީސްއާ ވަނީ ހިއްސާކޮށްފަ އެވެ.

"ބިމާއި ގެދޮރުގެ ކަންކަމުގައި ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާ އެކު ދާނެކަން އަޅުގަނޑު ޔަގީން ކުރާނަން. ކޮންމެ ގޮތެއް ވިޔަސް 21،000 އެއްހާ ގިނަ ފޯމު ލައިފައި އެބައޮތް. އިއުލާންކޮށްފައި އޮތް ޕްރޮސެސް، ޕޮއިންޓް ދޭ ނިޒާމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށް އެ 4،000 ފްލެޓް ހަމަޖެހިގެން ދިއުން އެއީ އެކަން ވާން ޖެހޭނެ ގޮތްވީމަ، މާލޭގެ ރައްޔިތުންގެ ފަރާތުން ތިއްބަވާ ކައުންސިލަރުން އެކަން ހިނގަމުންދާ ގޮތް އެނގުމަކީ ހަމަ އެންމެ ފުރިހަމަ ގޮތް، މިކަން ވާން ޖެހޭ ގޮތް. އެހެންވީމަ އަޅުގަނޑު އެކަން ޔަގީން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކައުންސިލްގެ ހުރި އެހެން ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސިޓީސް އެންޑް ލޯކަލް ގަވަނެސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.