Roadha Mihaaru
ދިހަ ކުންފުންޏެއްގެ ބޯޑުން ގިނަ ބަޔަކު ވަކިކޮށްފި

ސަރުކާރުގެ 10 ކުންފުންޏެއްގެ ބޯޑުތަކުން ގިނަ ބަޔަކު ވަކިކޮށްފި

11 އޯގަސްޓް 2024

ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑު ގިނަ އަދަދެއްގެ މެންބަރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަކިކޮށްފި އެވެ.

ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑު ގިނަ އަދަދެއްގެ މެންބަރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަކިކޮށްފި އެވެ.

ޕީސީބީން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކު ވަނީ ވަކިކޮށްފަ އެވެ. އެއީ މުހައްމަދު ރަޝީދާއި ހާމިދު ސޯދިގެވެ. އަދި އެ ކުންފުނީގެ ބޯޑަށް ޒިދުނާ އިބްރާހިމް ވަނީ އައްޔަންކޮށްފައިވެ އެވެ.

މޯލްޑިވްސް ޕޯސްޓްގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ބޯޑު މެންބަރު މުހައްމަދު ނާޝިދު ވަކިކޮށް، ހައްވާ ސަފްނާ ވަނީ އައްޔަންކޮށްފަ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ތިން މެންބަރަކު ވެސް ވަކިކޮށްފައިވެ އެވެ. އެއީ، ހުސެއިން މުހައްމަދު ދީދީ އާއި ޝާތިފް އަލީ އަދި ޝަޒުރާ ޝާކިރެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު ދެ މެންބަރުން ކަމަށްވާ ލަމްޔާ އިބްރާހިމާއި އަހުމަދު އިފްތިހާރު ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން ނަޖީލް އަހުމަދު ވެސް ވަނީ ވަކިކޮށްފަ އެެވެ.

ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން އަލީ ނަޒީރު ވަކިކޮށްފައިވާއިރު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ޝުހުދާ އިބްރާހިމް ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނާހިޔާ މުހައްމަދު ވެސް ވަނީ ވަކިކޮށްފަ އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ތިން މެންބަރަކު ވަކިކޮށްފައިވެ އެވެ. އެއީ އަލީ ނަބީލާއި މުސްތަފާ މުހައްމަދު އަދި އަލީ އިކްރާމެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން އަހުމަދު ޝަހީރާއި ބޯޑު މެންބަރު އިބްރާހިމް ނާއިފާއި އަހުމަދު އީހާބު ވެސް މަގާމުން ވަކިކޮށްފައިވާކަން ޕީސީބީއިން ވަނީ އިއުލާނުކޮށްފަ އެވެ.

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން މި މެންބަރުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެ އެވެ.