Roadha Mihaaru
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

18 ސެޕްޓެމްބަރ 2024

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ އިއްތިފާގުންނެވެ. ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްލާއިލް ނިޒާރު ހުށަހެޅުއްވި ބިލު އިއްޔެ ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އޮވެ އެވެ.

ނަމަވެސް އެ ބިލްގައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރުކޮށްފަ އެވެ.

މީގެ އިތުރުން ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކުރަން އެ އިސްލާހު ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ ޖަލްސާއެއްގެ ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި ކަމަށް ވިޔަސް، އާ އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންނެވެ. ނަމަވެސް އާ އިސްލާހުގައިވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރުކޮށްފަ އެވެ.

މި ބިލަށް ބަހުސް ކުރަން ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބޭއްވި ނަމަވެސް، އެ ޖަލްސާ ގަޑިއެއްހާ އިރު ތެރޭ ނިންމާލަން ޖެހުނީ ބަހުސް ކުރާނެ މެމްބަރުން ނެތިގެންނެވެ. އެ ބިލަށް ވޯޓަށް އެހުމުން، ބަލައިގަންނަން ފާސްކޮށް، ދިރާސާކުރަން ފޮނުވީ އިގްތިސާދީ ކޮމިޓީއަށެވެ. ބިލް ފާސްކުރިތާ 30 މިނެޓްގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ބޭއްވި އެވެ. ގާތްގަނޑަކަށް 10 މިނެޓަށް ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ކޮމެޓީން ބިލް ފާސްކުރީ ބިލަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.