Roadha Mihaaru
ހުޅުމާލެ 2ގެ ގޯތިތައް އޮކްޓޫބަރުގައި ހަވާލުކޮށް ނިމޭނެ

ހުޅުމާލެ ފޭސް 2 ގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކުރެވޭނެ: މިނިސްޓަރު

12 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ 2 އިން ދޫކޮށްފައިވާ 1،407 ބިމުގެ ތެރެއިން 623 ބިމެއް މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

"ލަފާކުރެވޭ ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަލަށް ފޭސް ދެއަކުން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކުރެވޭނެ،" ހައިދަރު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައިދަރު ވެސް ކަންބޮޑުވުން ފާޅުކުރެއްވީ ކުރީގެ ސަރުކާރުން ބިންތައް ރައްޔިތުންނަށް ދީފައިވާ ގޮތުންނެވެ.

އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލެ 2 އިން ވެސް ބިންތައް ދޫކޮށްފައި ވަނީ މަގުތަކަށް އަރާ ގޮތަށާއި އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ތަންތަނުންނެވެ. އަދި ކަނޑުންނާއި ފަޅުން ވެސް ގޯތިތައް ދީފައިވާއިރު، އެ ތަންތަނަށް ގޯތި ނުކިޔޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ކަނޑުންނާއި ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. މި ސަރުކާރުން ހަގީގަތުގައި މި ޖެހެނީ މި ތަންތަން ގޯއްޗަށް ބަދަލުކުރަން. އެހެންވީމާ މި ސަރުކާރުން ބިން ހިއްކައިގެން ގޯތިތަކަށް ބަދަލުކުރާނެ،" ހައިދަރު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ސުވާލުކުރެވުމުން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ޖަވާބުދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިންވެރިޔާ ސްކީމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ސުވާލުކުރެވުމުން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ޖަވާބުދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް ތިނަކުން ވެސް ކުރީގެ ސަރުކާރުން 699 ގޯތި ދޫކުރީ ފަޅުން ކަމަށެވެ. ފަޅުން ދޫކުރާ ތަންތަން މީހެއްގެ ނަން މައްޗަށް ބަދަލުކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށާއި އެއީ ޒިންމާދާރު ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށް ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މި ސަރުކާރުން އެބަކުރެ އެވެ. އަދި އެ ތަން އެއްކޮށް ހިއްކައި ނިންމައި، ގޯތި ލިބުނު މީހުންނާ މި އަހަރުގެ ނޮވެމްބަރު މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން 5،186 މީހުންނަށް ގޯތި ދީފައި އެބައޮތެވެ. އެ ތަން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެއްވެސް މީހަކު އުނި ނުވާނެ ގޮތަށް އެ ތަނުން ބިން ލިބުނު މީހުންނަށް ހަވާލުކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

އެކަމަކު އެ ތަނުގެ މަސައްކަތް ނިމޭނެ ސީދާ ތާރީހެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.