Roadha Mihaaru
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ

4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅަން ފުރަތަމަ ބުރުގައި ހުށަހެޅި ހުރިހާ ފޯމެއް ރިވިއު ކުރަނީ

29 ޖުލައި 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4،000 މީހުން ޔަގީން ކުރުމަށްޓަކައި، އެ ސްކީމަށް ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ފޯމު ރިވިއު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4،000 މީހުން ޔަގީން ކުރުމަށްޓަކައި، އެ ސްކީމަށް ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ފޯމު ރިވިއު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުން ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ލިސްޓުގައި އެއްވެސް މައްސަލައެއް ނެތީ 825 މީހުންގެ ކަމަށެވެ.

އެ 825 މީހުންނަކީ އޭސީސީން މި ފްލެޓުތަކުގެ ލިސްޓުގެ މައްސަލަ ބެލުމަށް ފަހު، ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި މީހުންގެ އަދަދެވެ. އެއީ އެ ލިސްޓުގައި ހިމެނޭ އެންމެ 20 ޕަސެންޓް މީހުންނެވެ. އެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އޭސީސީން ކަނޑައެޅި އެވެ.

"އެކަމަކު އަޅުގަނޑުމެން ބަލާނަން، 20،000 އެތައް ހާސް އެޕްލިކޭޝަނެއް އައިސްފައި އެބައޮތް. ހުރިހާ އެޕްލިކޭޝަންތަކެއް ބަލައިގެން ހޮވާނީ 4،000 ފްލެޓް ލިބެން ޖެހެނީ ކޮން ބަޔަކަށްތޯ؟ ޝަރުތުތައް ހަމަވެ، އެންމެ ގިނަ ޕޮއިންޓް ލިބިގެން އެންމެ ބޭނުންވެފައި ތިބި ބަޔަކީ ކޮން ބައެއްތޯ ފާހަގަކުރެވޭ ގޮތަށް އިވެލުއޭޓްކޮށްގެން ލިސްޓު އެކުލަވާލާނީ،" ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މުޅި ލިސްޓު. އެޕްލައި ކުރި ހުރިހާ ފަރާތްތައް ބަލައިގެން، އެ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުން ގޮސް 4،000 ފްލެޓް ހަމަކުރާނީ."

ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައިދަރު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު، އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.