Roadha Mihaaru
އޭ ލައިސަންސް ކޯހުގެ ފެންވަރު ވަރަށް ރަނގަޅު: ސޮބާ

އޭ ލައިސަންސް ކޯޗިން ކޯހުގެ ފެންވަރާ މެދު ސޮބާ ހިތްހަމަޖެހިފައި

13 އޯގަސްޓް 2024

އެފްއޭއެމުން މިހާރު ކުރިއަށް ގެންދާ އޭ ލައިސަންސް ކޯޗިން ކޯހަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުޓްބޯޅަ އެޑިއުކޭޝަނުގެ އެންމެ ފެންވަރު ރަނގަޅު ޕްރޮގްރާމަށް ވާނެ ކަމަށް ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމުން މިހާރު ކުރިއަށް ގެންދާ އޭ ލައިސަންސް ކޯޗިން ކޯހަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުޓްބޯޅަ އެޑިއުކޭޝަނުގެ އެންމެ ފެންވަރު ރަނގަޅު ޕްރޮގްރާމަށް ވާނެ ކަމަށް ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ޕޯލް ތޯމަސް ސްމޯލީ ހިންގާ އެ ކޯހުގައި ސޮބާ އަންނަނީ ކިޔަވަމުންނެވެ. ސްމޯލީ ކުރިއަށް ގެންދިޔަ ބީ ލައިސަންސް ކޯޗިން ކޯހުގެ ކިޔަވައި ދިނުމުގެ މުއްދަތު ކުރުވުމުން، އެ ކޯހުގެ ފެންވަރާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.

ސޮބާ ބުނީ ސްމޯލީގެ ފެންވަރާ މެދު ސުވާލު އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު އޭނާގެ ހިންގާ އޭ ލައިސަންސް ކޯހަކީ ފެންވަރުގެ ގޮތުން ތަފާތު ކޯހެއް ކަމަށް ސޮބާ ބުންޏެވެ.

"މިހެން ބުނަނީ އަޅުގަނޑު އެކަންޏެއް ނޫން. މީގެ ކުރިން ރާއްޖޭގައި ބޭއްވި އޭ ލައިސަންސް ކޯހުގައި ކިޔެވި ކޯޗުން ވެސް އެބަ ބުނޭ މި ފަހަރުގެ އޭ ލައިސަންސް ކޯހުގެ ފެންވަރު ތަފާތޭ،" އޭނާ ބުންޏެވެ.

ކުރިން އޭ ލައިސެންސް ހެދި ސީނިއާ ބައެއް ކޯޗުން، މި ކޯހުގެ ސެޝަންތަކުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ކަމަށް ސޮބާ ބުންޏެވެ.

އޭ ލައިސަންސް ކޯހުގައި ކިޔަވާ ޒުވާން ކޯޗު އާފިއު މުހައްމަދު ހަމީދު ބުނީ ސްމޯލީގެ ކިޔަވައި ދިނުމުގެ މެތަޑްތައް ތަފާތު ކަމަށެވެ.

"އެކި ކޯޗުންގެ ކިޔަވައި ދިނުމުގެ މެތަޑްތައް ތަފާތު. ޕޯލް އެސެސް ކުރާ ގޮތް ވެސް ތަފާތު. އޭނަ އެސެސް ކުރާ ގޮތް އެނގުނީމަ އެނގޭނެ ފެންވަރު ދަށް ނުވާނެކަން،" އާފިއު ބުންޏެވެ.

ސޮބާ ބުނީ ރާއްޖޭގައި ކުރިއަށްދާ އޭ ލައިސަންސް ކޯސް އެސެސް ކުރަން އޭއެފްސީން ފޮނުވި ވަފުދުގައި އީރާންގެ ޓެކްނިކަލް ޑައިރެކްޓަރު މާޖިދު ޖަލާލް ރާއްޖެ އައި ކަމަށެވެ.

"އީރާންގެ ޓެކްނިކަލް ޑައިރެކްޓަރު ވެސް ފާހަގަ ކުރި ޕޯލްގެ ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅުކަން. ބުނެވިދާނެ އޭ ލައިސަންސް ކޯޗިން ކޯހަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު ކޯޗިން ކޯހޭ،" ސްޕެއިންގައި ހުންނަ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްގައި ބައިވެރި ސޮބާ ބުންޏެވެ.

"މުގައްރަރު ފުރިހަމަކޮށް ޓާސްކްތަކެއް ހަވާލުކޮށްފައި ޕޯލް ނިންމާލީކީ ނޫން. އޭނާ ކޯޗުންނަށް ޕުޝްކުރޭ، ޕްރެޝަރު ކުރަން ޖެހެންޏާ ޕްރެޝަރު ވެސް އޭނާ ކުރޭ. މާ ބޮޑަށް ފަސޭހަކޮށްލަންޏާ ހަޅޭލައްވައިގެން ވެސް ބާރު އަޅާ އެންމެ ފުރިހަމަ އަށް އެކަމެއް ކުރަން. ރާއްޖޭގެ ފުޓްބޯޅަ ސަގާފަތް ބަދަލު ކުރަން ބޭނުންވާ ވިސްނުން ކޯޗުންގެ ބޮލަށް ވައްދައި ދޭން އޭނާގެ ޕްރެޝަރު ވަރަށް މުހިންމު."

ޖުމުލަ 24 ކޯޗުން ބައިވެރިވާ ކޯހުގައި 6 ބައިވެރިންނަކީ ބޭރުގެ ކޯޗުންނެވެ. އެއީ ބަންގްލަދޭޝްގެ ތިން ކޯޗުން، ނޭޕާލްގެ ދެ ކޯޗުން އަދި ގެމްބިއާގެ އެއް ކޯޗެވެ. އަދި މުބާރާތުގައި ތިން އަންހެން ކޯޗުން ވެސް ބައިވެރިވެ އެވެ.