Roadha Mihaaru
ފަސް މިނެޓް: މިއަށް ވުރެ ޒިންމާދާރު ވާންވެއްޖެ!

ފަސް މިނެޓް: މިއަށް ވުރެ ޒިންމާދާރު ވާންވެއްޖެ!

28 ފެބުރުއަރީ 2017

ސަރުކާރަށް ފާޑު ކިޔާފައި ނުކިޔާނީ ކޮން ކަމަކަށް ހެއްޔެވެ؟ ސަރުކާރުން ކުރާ ރަނގަޅު އެއް ކަމެއް ވެސް އެބަ އޮތް ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސާ ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލުތަކެވެ. ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ޒިންމާދާރު ވުމަކީ އެހާމެ އުނދަގޫ ކަމެކެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސަރުކާރަށް ފާޑު ކިޔާފައި ނުކިޔާނީ ކޮން ކަމަކަށް ހެއްޔެވެ؟ ސަރުކާރުން ކުރާ ރަނގަޅު އެއް ކަމެއް ވެސް އެބަ އޮތް ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސާ ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލުތަކެވެ. ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ޒިންމާދާރު ވުމަކީ އެހާމެ އުނދަގޫ ކަމެކެވެ.

ރާއްޖޭގައި ކުރިމަތިވާ ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާތަކަކީ ދޯނިފަހަރު ބަންޑުން ޖަހައިލުމާއި ގެއްލުމެވެ. އެފަދަ ޚަބަރެއް މީޑިއާގައި ޖަހައިފި ނަމަ، ކިޔުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓްތަކުގައި ވަރަށް ޒިންމާދާރު ޚިޔާލު، ފާޅުކޮށްފައި ހުރެ އެވެ. ހަމަ އެއާ އެކު މަލާމާތްކޮށް ފުރައްސާރަކޮށްފައި ހުންނަ ކޮމެންޓްތައް މަދެއް ނޫނެވެ.

ބައެއް މީހުން ބުނާ ގޮތުގައި މަސްދޯންޏެއް ގެއްލުނަސް، އެ ދޯނި ހޯދެނީ އިންޑިޔާ ނުވަތަ ލަންކާ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. ނުވަތަ އެއިން ގައުމެއްގެ ވައިގެ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. ދިވެހި ސިފައިންނަށް ކުރެވޭ ހަމަ އެއް ކަމެއް ވެސް ނޯވެ އެވެ. އެކަމަކު ވަރުވަރުން ކަނޑުމަތީގެ އުޅަނދުތައް ގެންނާނެ އެވެ.

މިފަދަ ފާޑުކިޔުންތައް އަމާޒުކުރާ އިރު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގައި ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް އެބަ އޮތްތޯ ހަނދާންކޮށްލުން މުހިންމެވެ. މި މަހުގެ 20 ވަނަ ދުވަހު ބޮޑު ކަންނެއްޔަށް ނުކުތް ހއ. ތުރާކުނު "ބްލޫ ފިޝް" ދޯނި ގެއްލިގެން ހަފުތާއެއް ވަންދެން ހޯދައިފި އެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ހުށަހެޅީ އޭގެ ހަތަރު ދުވަސް ފަހުން، މި މަހުގެ 24 ވަނަ ދުވަހު އެވެ.

ސިފައިންނަށް އެކަން އެންގުމުން އެ މީހުންގެ ޒިންމާ އަދާކުރަން ފެށި އެވެ. ސިފައިންގެ އަތުގައި ހުރި ކަނޑު އުޅަނދުތައް ބޭނުންކޮށްގެން އެ ދޯނި ހޯދުމުގެ މަސައްކަތް ރެ އާއި ދުވާލު ކުރި އެވެ. އަދި އަވައްޓެރި އިންޑިޔާ އާއި ލަންކާގެ އެހީތެރިކަމަށް ވެސް ދިވެހި ސަރުކާރުގެ ފަރާތުން އެދުނެވެ.

ދޯނި ނުފެނި އިތުރު ތިން ދުވަސް ވުމުން، އިންޑިޔާގެ ކަނޑުގެ ސިފައިންގެ ސަވައިލެންސް މަތިންދާބޯޓެއްގެ އެހީގައި، ދޯނި ހޯދުމުގެ މަސައްކަތް އިއްޔެ ހެނދުނު ފަށަން އޮތީ ތައްޔާރުވެފަ އެވެ. ނަމަވެސް އެ މަސައްކަތް ފަށަން ހައެއްކަ ގަޑިއިރަށް ވެފައި ވަނިކޮށް އެ ދޯނީގެ ޚަބަރެއް ލިބުނެވެ. ދޯނި ނުގެއްލެ އެވެ. މޮބައިލް ރޭންޖު ވެސް އަދި ވީއެޗްއެފް ސެޓްގެ ރޭންޖު ވެސް ނުލިބޭ ހިސާބަށް، 150 މޭލު ބޭރަށް ގޮސް އެ ދޯނި އުޅުނީ ބޮޑު ކަންނެލި ބޭނުމުގަ އެވެ.

އޮޑިވެރިޔާ އަށާއި އާއިލާގެ މީހުންނަށް އެއްވެސް ޚަބަރެއް ނުވެ، އަދި ދިޔަ ތަނެއް ވެސް އަންގާނުލައި ހަފުތާއެއް ވަންދެން ކަނޑުމަތީގައި އުޅުނު އިރު، ރަށުގައި ތިބި އާއިލާގެ މީހުންނާ މެދު ވިސްނައެއް ނުލެވުނެވެ. ރަށުގައި ތިބި މީހުންގެ ލަގޮނޑި އަށް ކެތް ނުވެގެން ސިފައިންނަށް ގުޅައި ދޯނި ހޯދައިދޭން އެދޭނެކަމާ މެދު ޚިޔާލެއް ނުކުރެވެ އެވެ.

އެ މީހުންގެ އެދުމަށް ދިވެހި ސިފައިން ކަނޑުމައްޗަށް ނުކުތީ، ގެއްލިފައިވަނީ ދިވެހި ދަރިން ކަމަށް ވާތީ އެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ކަމެއް ކަން އިހްސާސް ކުރެވުނީ ކާކަށް ހެއްޔެވެ؟ އެ ދޯނި ހޯދުމަށް ސިފައިންގެ ކަނޑުމަތީ އުޅަނދުތައް ކަނޑުމައްޗަށް ނުކުމެ ހޭދަކުރާ ކޮންމެ ސިކުންތަކަށް ހޭދަވަނީ ކިހާ ފައިސާއެއްތޯ ވިސްނާލީ ކާކު ހެއްޔެވެ؟ ތިން ހަތަރު އުޅަނދު ނުކުމެ އެ މަސައްކަތް ކުރާ ނަމަ، ގަޑިއަކު ކިތައް ލައްކަ ރުފިޔާ ޚަރަދުވާނެތޯ އެވެ؟ އަދި ވައިގެ މަގުން އެ މަސައްކަތް ކުރާ ނަމަ ކިހާ ފައިސާއެއް ޚަރަދުވާނެ ހެއްޔެވެ؟

ހާލުގައި ނުޖެހި، އަދި މީހުން ވެސް ގަދަވެ ސަލާމަތުން ތިބި ދޯންޏެއް ހޯދުމަށްޓަކައި ފައިސާތަކެއް ޚަރަދުކުރަން ޖެހުމަކީ ކުރެވޭ އިސްރާފެކެވެ. ބޭކާރުވެގެން ދަނީ އެތައް ބައެއްގެ މަސައްކަތާއި ވަގުތެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކަށް ހިތްދަތިކަމާއި މާޔޫސްކަން ވެރިވެ އެވެ.

ކަންބޮޑުވާންވީ ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދައުލަތުގެ ފައިސާތަކެއް ގެއްލިގެން ދާތީ އެކަންޏެއް ނޫނެވެ. ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ތިބި އާންމު ރައްޔިތުންގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޭކާރު ގޮތެއްގައި ފައިސާތަކެއް ހޭދަ ކުރަން ޖެހިއްޖެ ނަމަ އެއީ ވެސް ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. އެކަމާ ވެސް ކަންބޮޑުވާން ޖެހޭނެ އެވެ.

ބްލޫ ފިޝް ދޯނީގެ ހާދިސާ އަށް ބަލާއިރު، އެއީ ވެސް ފަރުވާ ކުޑަވުމާއި އިހުމާލުގެ ސަބަބުން ދައުލަތުގެ ފައިސާތަކެއް އިސްރާފުވި ކަމެކެވެ. ޒަމާނީ ޓެކްނޯލޮޖީގެ މި ޒަމާނުގައި ވަރަށް ބޮޑު ހާދިސާއަކާ ކުރިމަތިވެގެން ނޫނީ، ވީނުވީއެއް ނޭނގި ކަނޑު އުޅަނދެއް ގެއްލުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ކަމުގައި އެ ދޯނީގެ އޮޑިވެރިޔާ އާއި ކެޔޮޅުގެ އިހުމާލު ވެސް އެބަ އޮތެވެ.

ސެޓެލައިޓް ފޯނެއް ފަދަ އެއްޗެއް އޮތް ނަމަ، ކިތަންމެ ދުރުގައި އޮތް ނަމަވެސް، ވާނުވާ އަންގައިލަން ކޮންމެ މީހަކާ ވެސް ގުޅޭނެ އެވެ. ނުވަތަ ދޯނި އޮންނަ ތަން ބުނެދޭ ޓްރޭކިން ޑިވައިސެއް ހަރުކޮށްފައި ހުރި ނަމަ، މުވާސަލާތީ ވަސީލަތްތައް ފެއިލްވާ ހާލަތެއްގައި ވެސް ދޯނި އޮތީ ކޮން ތަނެއްގައި ކަން ދެނެގަނެވޭނެ އެވެ. އަދި ހާދިސާއެއް ކުރިމަތިވި ނަމަވެސް، ދޯނި އެންމެ ފަހުން އޮތީ ކޮން ހިސާބެއްގައި ކަން ދެނެގަނެވޭނެ އެވެ. މިފަދަ އެއްވެސް ވަސީލަތެއް ނެތް ނަމަ އެއީ އޮޑިވެރިޔާގެ އިހުމާލެކެވެ.

އާދައިގެ މަތިން ހުކުރަށް، ކޮންމެވެސް ރަށަކަށް ވަންނަ ދޯންޏެއް ޚަބަރެއް ނުވެ ހަފުތާއެއް ވެގެންދާ އިރު، ދޯނި އޮތީ ކޮން ތަނެއްގައި ކޮން ހާލަތެއްގައި ކަން އޮޑިވެރިޔާ އަށާއި އާއިލާގެ މީހުންނަށް އެނގުމަކީ ކެޔޮޅުގެ ޒިންމާއަކަށް ނުވެ ނުދާނެ އެވެ. ނަމަވެސް ދޯނި މަހަށް ނުކުތް އިރު ވެސް ނުކުތީ ކޮން ދިމާލަކަށް ކަމެއް، އެއްވެސް މީހަކަށް އަންގާފައެއް ނުވެ އެވެ.

ކެޔޮޅު ބުނި ގޮތުގައި 150 މޭލު ބޭރުގައި އޮތް އިރު، މަހަށް ނުކުމެ އުޅުނު އެހެން ދޯނިތަކާ ސެޓުން މުއާމަލާތު ކުރެވުނެވެ. މީގެ ކުރީ ފަހަރުތަކުގައި ވެސް، އެ ގޮތަށް ދުރުގައި އޮންނަ އިރު، ރަށަށް އަންގާލަން ޖެހޭ ވާހަކައެއް އޮތިއްޔާ އަންގާލަނީ، ސެޓުގެ ޒަރީއާ އިން އެހެން ދޯނިތައް މެދުވެރިކޮށެވެ. ނަމަވެސް މިފަހަރު ހަފުތާއެއް ވެގެން ދިޔައިރު ވެސް، ދޯނީގެ އެއްވެސް މައުލޫމާތެއް ކެޔޮޅުގެ ފަރާތުން އޮޑިވެރިޔާ އަށް ވެސް އަދި އާއިލާގެ މީހުންނަށް ވެސް ދީފައި ނުވުމަކީ ކެޔޮޅުގެ އިހުމާލެވެ.

މިފަދަ ކިތަންމެ ކަމެއް މި ފަހުގެ ތާރީޚުގައި ހިނގާފައި އެބަހުއްޓެވެ. ހުއިފިލަނޑާ ނަގަން ފީނަން ނުކުމެ އުޅެނިކޮށް ނުވަތަ ކެޔޮޅުކަމު ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ކިތަންމެ ބަޔަކު ހޯދަން ޖެހެ އެވެ. އެފަދަ ހާލަތްތަކުގައި ވެސް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާންމުން ނުކުމެ އެތައް މަސައްކަތެއް ކުރެ އެވެ. އާޚިރުގައި އެ މީހުން ފެންނަ އިރު، މި ތިބެނީ ކޮންމެވެސް ފަޅުރަށެއްގައި ނުވަތަ ފިނޮޅެއް ނުވަތަ ފަރެއްގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. މައްސަލައަކަށް ވަނީ، ކަމެއް މެދުވެރިވާ ހާލަތުގައި ވެސް މުވާސަލާތު ކުރެވޭނެ ގޮތެއް ނެތުމެވެ.

މިފަދަ ކަންތަކުގައި ދައުލަތުގެ ފައިސާ އިން އިސްރާފު ވެގެން ދަނީ ކިތައް މިިލިއަން ރުފިޔާއެއް ކަމެއް ނޭނގެ އެވެ. އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާކުރުމުގައި ފަރުވާތެރިވާ ނަމަ، ހަމަ ގައިމު ވެސް ބޭކާރު ގޮތެއްގައި އެ ފައިސާ އާއި އެތައް ބައެއްގެ ވަގުތު ހޭދަކުރާކަށް ނުޖެހޭނެ އެވެ.