Roadha Mihaaru
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"

ގޮންޖެހުންތައް ހުއްޓަސް ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅު: އެމްއެމްއޭ

25 އޯގަސްޓް 2024

ބީއެމްއެލްގެ ކާޑުތަކުން ކުރާ މުއާމަލާތުތައް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ކާޑުތަކުން ކުރާ މުއާމަލާތުތައް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ، ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރި ނަމަވެސް އެއީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ މި ބަދަލު މުރާޖާ ކުރުމަށް އިރުޝާދު ދިނީ ކަމަށެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މެނޭޖްކުރަން ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރު މަތިން އެމްއެމްއޭ އިން ބީއެމްއެލްއާ ބައްދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ކޮވިޑް-19އާ ގުޅިގެން، ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަން ބީއެމްއެލް އިން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ އެވެ.

އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު 2.9 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު 6.6 ބިލިއަން ރުފިޔާގައި ހުރި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވާން ދިމާވި ސަބަބެއް ކަމަށެވެ.

ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކުރަމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފަ އެވެ. މިއަހަރު ވެސް މި އަދަދު ވަނީ އިތުރުކޮށްފަ އެވެ. މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް ތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ރިއާޔަތް ކުރާ ބޭންކުތަކަށް އިސްކަން ދޭނެ ކަމަށެވެ.