Roadha Mihaaru
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު އިތުރުކޮށްފި

05 އޮކްޓޯބަރ 2020

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު މިއަދު އިތުރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު މިއަދު އިތުރުކޮށްފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ ވަރު އަނެއްކާވެސް އިތުރުކުރީ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށެވެ. މި ފަހަރު އިތުރުކުރި ވަރަށް މި އަހަރު ނިމެންދެން ޑޮލަރު ދޫކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. ނަމަވެސް އިތުރުކުރީ ކިހާވަރެއް ކަމެއް ނުބުނެ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު އަލުން ފެށީ މިދިޔަ ޖުލައި މަހު އެވެ. ރާއްޖެ އަށް ބޭރުފައިސާ އެންމެ ގިނައިން ލިބޭ އެ އިންޑަސްޓްރީ އަދިވެސް ރަނގަޅަށް ހިނގައި ނުގަންނާތީ ބޭރު ފައިސާގެ ދަތިކަން ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ވަނީ ބޮޑުވެފަ އެވެ.

އެމްއެމްއޭގެ ބަޔާނުގައި ބުނިގޮތުގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިގުތިސާދު އަލުން ކުރިއަރަމުން އަންނަ ކަމުގެ އުއްމީދީ ނިޝާންތައް މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުންޏެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އަންނަނީ އިތުރުވަމުން ކަމަށާއި ބޯޑަރު އަލުން ހުޅުވައިލި ފަހުން ރާއްޖެ އަށް 18،900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ އިތުރުން އެމީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޒިޔާރަތްކުރި ޓޫރިސްޓުން އެވްރެޖުކޮށް ހޭދަކުރި ބެޑްނައިޓަށް ވުރެ މި އަހަރުގެ އެ މުއްދަތުގެ ބެޑްނައިޓްސް އިތުރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އައި ޓޫރިސްޓުން އެވްރެޖެކޮށް ރާއްޖޭގައި ހޭދަކޮށްފައި ވަނީ ހަ ދުވަސް ކަމަށާއި އެކަމަކު މިދިޔަ ސެޕްޓެމްބަރުގައި އައި ޓޫރިސްޓުން އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.