Roadha Mihaaru
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކޮށްފި

26 އޯގަސްޓް 2024

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހަތަރު މެމްބަރުން މިއަދު މަގާމުން ވަކި ކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހަތަރު މެމްބަރުން މިއަދު މަގާމުން ވަކި ކުރައްވައިފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު އަދި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެމްބަރަކު ފިޔަވައި ދެން ތިބި މެމްބަރުން ވަކިކުރަން ރައީސަށް ލަފާ އެރުވުމަށެވެ. މަޖިލީހުގެ އެ ލަފައާ އެކު އެ މެމްބަރުން ވަކި ކުރެއްވިކަން ރައީސް އޮފީހުން މިއަދު ވަނީ އަންގައިފަ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މެންބަރުން:

1. މުހައްމަދު މުނައްވަރު އަލީ - ރައީސް

2. ހުސައިން ޒައިދާން ޖަލީލް - ނައިބު ރައީސް

3. އަހުމަދު އަޝްރަފް - މެންބަރު

4. ހަދީޖާ ނައީމް - މެންބަރު

މަގާމުން ވަކިނުކުރަން ނިންމީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ. ކޮމިޓީގެ ނިންމާފައިވަނީ އޭނާ ވަކިކުރަން ނުފެންނަނީ އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައުމުގައި އޭނާގެ ހެޔޮ ނިޔަތް އޮތް ކަމަށް ބެލެވޭތީ ކަމަށެވެ.

"މިކަހަލަ މުއައްސަސާއެއްގައި ހުރި މައްސަލަތައް ހިފައިގެން އަންނަން ކެރޭނީ ވެސް ރަނގަޅު ނިޔަތެއް ހުރީމާ. އަޅުގަނޑުމެންގެ ނިންމުން އަންނަ ގޮތުން މިފަދަ މައްސަލަތައް އަޅުގަނޑުމެންނާ ހަމައަށް އައުން ވެސް ހުއްޓިގެން ގޮސްދާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅިގެން ކޮމިޓީން މައްސަލަ ބެލީ ބައްދަލުވުންތައް ސިއްރުކޮށްގެންނެވެ. ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީއާއި ބައްދަލު ކުރައްވައި އަދި އެތަނަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށް، ހާލަތު ބައްލަވައިފަ އެވެ.

ކޮމިޓީން ނިންމާފައިވަނީ އެ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި ވަކި ގޮތްތަކެއް ގެންގުޅޭ ކަމަށެވެ.

ކޮމިޓީން އިތުރަށް ފާހަގަކުރި ކަންކަން:

- ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީ، ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުން.

- ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީ ދައުލަތަށް މާލީ ބުރަ ކުޑަކުރަން ހުށަހެޅުން.

- ޓްރައިބިއުނަލުގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް.