Roadha Mihaaru
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ

ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެ ވަނަ

27 އޯގަސްޓް 2024

ކ. ތުލުސްދޫގައި ދާދި ފަހުން ނިމުނު ތިން ވަނަ އޭއެސްއެފް އޭޝިއަން ޗެމްޕިއަންޝިޕްސް ސާފިން މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ކެޓަގަރީން ރާއްޖެ އަށް ދެ ވަނަ ލިބިއްޖެ އެވެ.

ކ. ތުލުސްދޫގައި ދާދި ފަހުން ނިމުނު ތިން ވަނަ އޭއެސްއެފް އޭޝިއަން ޗެމްޕިއަންޝިޕްސް ސާފިން މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ކެޓަގަރީން ރާއްޖެ އަށް ދެ ވަނަ ލިބިއްޖެ އެވެ.

ރާއްޖޭން ދެ ވަނަ ހޯދީ ގައުމީ ޓީމުގެ ތިން ސާފަރުންގެ ޖުމްލަ 1505 ޕޮއިންޓާ އެކު އެވެ. އެއް ވަނަ ހޯދީ ދެ ސާފަރުން ވާދަ ކޮށްގެން ޖުމްލަ 1860 ޕޮއިންޓް ހޯދި ޖަޕާނެވެ. ތިން ވަނައަށް ދިޔަ ދެކުނު ކޮރެއާ އަށް 1450 ޕޮއިންޓް ލިބުނު އިރު، 1360 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނީ އިންޑިއާ އަށެވެ.

ރާއްޖޭގެ ޓީމު ތަމްސީލުކުރި ތިން ސާފަރުންގެ ތެރެއިން ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. ސައްޔިދު ސަލާހުއްދީން ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރިއިރު، ޔަސީން އަހުމަދު ނާޝިދު ވަނީ ތިން ވަނަ ބުރުގައި ރާޅާ އަޅައިފަ އެވެ.

ޖޫނިއާ ރޭންކިންގައި ކަޔާން ހިމެނެނީ ޗައިނީޒް ޓައިޕޭގެ ޖޮން ޖޮން ޗާން އާއެކު ހަތް ވަނައިގަ އެވެ. ސައްޔިދަށް ރޭންކިންގެ ނުވަވަނަ ލިބުނުއިރު، ޔަސީން އޮތީ 13 ވަނައިގަ އެވެ.

ޓީމު ތުލުސްދޫގެ ނަމުގައި ވާދަކުރި ދިވެހި ޓީމުގެ ދެ ސާފަރުންގެ ނަތީޖާ ރޭންކިންގައި ނުހިމެނުނަސް، ވަނީ އުއްމީދީ ނަތީޖާއެއް ނެރެފަ އެވެ. އެގޮތުން މުހައްމަދު އިނާން އަބްދުލް ހަންނާން ތިން ވަނަ ބުރަށް ދަތުރު ކުރިއިރު، ކަޔާން އަރީފް ވަނީ ކުއާޓާގައި ވާދަ ކޮށްފަ އެވެ. މިއީ 950 ޕޮއިންޓް ހޯދައިގެން ނުވަ ވަނަ ހޯދި ސްރީ ލަންކާއާ އެއްވަރުގެ ނަތީޖާއެކެވެ.

ފިރިހެން އޯޕަން ބައިން ރާއްޖެއަށް މިއަހަރު ލިބުނީ ހަތަރު ވަނަ އެވެ. އަދި އަންހެން އޯޕަން ބައިން ލިބުނީ އަށް ވަނަ އެވެ.

މިއާ އެކު ރާއްޖޭން ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެއް ވަނަ ގައުމުގެ ގޮތުގައި، 2026 ވަނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އިން އަންހެން އަދި ފިރިހެން ޖާގައެއް ވެސް ޔަގީން ކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ޓީމު އިވެންޓް ކަމަށްވާ މަރުހަބާ ކަޕް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން އެއް ވަނަ ހޯދީ ޖަޕާނެވެ. އިންޑިއާ ދެވަނަ ހޯދި އިރު، ތިން ވަނަ ހޯދީ ޗައިނީޒް ޓައިޕޭ އެވެ. ފައިނަލް ހީޓުގައި ހަތަރު ވަނައިގައި ނިންމީ ޗައިނާ އެވެ.

ރާއްޖެއަށް ސެމީ ފައިނަލްގެ ހީޓުން ލިބުނީ ހަތަރު ވަނަ އެވެ. މަރުހަބާ ކަޕް ޓީމުގައި ރާއްޖޭގެ ޓީމުގައި ރާޅާ އެޅީ އަހުމަދު އާގިލް (އަންމަޑޭ) އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ) ގެ އިތުރުން ޔަސީން އާއި ގައުމީ ޓީމުގުގެ ކޯޗުގެ މަގާމުގައި ހުރި ހުސެއިން އަރީފް އިބޫ އެވެ.

ޓީމު އިވެންޓުގައި ކޮންމެ ސާފަރަކަށް ވެސް ތިން ރާޅާ އެޅުމުގެ ފުރުސަތު އޮންނައިރު، އެއް ރާޅާކަށް އެންމެ ގިނަ ޕޮއިންޓް ވެސް ރާއްޖޭގެ ޓީމުން ހޯދީ އިބޫ އެވެ. އޭނާ ވަނީ ދެ ވަނަ ރާޅުގައި 7.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.