Roadha Mihaaru
ރޯޑް ރޭހުގެ އޮފީސް/ރިސޯޓް ކެޓަގަރީއަށް ރެޖިސްޓްރީކުރަނީ

ދިރާގު ރޯޑް ރޭސް: އޮފީސް/ރިސޯޓު ކެޓަގަރީގެ ރެޖިސްޓްރޭޝަން ކުރިއަށް

28 އޯގަސްޓް 2024

ދިރާގު ރޯޑް ރޭސް މޯލްޑިވްސްގައި މި ފަހަރު އަލަށް ހުޅުވާލި އޮފީސް/ރިސޯޓު 5ކޭ ކެޓަގަރީ ހިމެނޭ ގޮތަށް އެ ދުވުމުގެ ރަޖިސްޓްރޭޝަން ކުރިއަށް ދާ ކަމަށް ދިރާގުއިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގު ރޯޑް ރޭސް މޯލްޑިވްސްގައި މި ފަހަރު އަލަށް ހުޅުވާލި އޮފީސް/ރިސޯޓު 5ކޭ ކެޓަގަރީ ހިމެނޭ ގޮތަށް އެ ދުވުމުގެ ރަޖިސްޓްރޭޝަން ކުރިއަށް ދާ ކަމަށް ދިރާގުއިން ބުނެފި އެވެ.

ދިރާގުން ބުނީ މި ފަހަރުގެ ރޯޑު ރޭހުގައި އޮފީސްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން އާ ކެޓަގަރީއަކަށް ހުޅުވާލުމުގެ މަގުސަދަކީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އަލަށް ތައާރަފް ކުރި އޮފީސް/ރިސޯޓް ކެޓަގަރީގައި އޮފީސްތަކާއި ރިސޯޓުތަކުން މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ އޮފީހެއް އަދި ރިސޯޓެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށްވެސް މި ދުވުމުގައި ރަޖިސްޓްރީކުރެވޭނެ އެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުވައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ، ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި ދުވުމުގެ ޓީމުތަކުން ރަޖިސްޓްރޭޝަނަށް ކޮންމެ މެމްބަރަކަށް ފީއެއްގެ ގޮތުގައި 250ރ. ދައްކަން ޖެހޭނެ އެވެ.

އޮފީސް/ރިސޯޓު ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފަ އެވެ. އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަން ޖެހެ އެވެ.

މި ކެޓެގަރީގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ. އަދި ރަނަރަޕް ޓީމަށް 8000ރ. ހުށަހަޅާފައިވާއިރު ދެ ވަނަ ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 6000ރ. އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

މި އަހަރު ވެސް މި ދުވުން ހާއްސަ ކޮށްފައި ވަނީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ މި ދުވުމަށް 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ރަޖިސްޓްރޭޝަންކުރިއަށް ދާނެ ކަމަށެވެ.

މިއަހަރަކީ މި ދުވުމުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.