Roadha Mihaaru
"ފިޗުގެ ލަފަޔާ އެކު ވަށައިޖެހޭ ރިފޯމެއް ގެންނާނަން"

ފިޗުގެ ލަފަޔާ އެކު ވަށައިޖެހޭ ރިފޯމެއް ގެންނާނަން: ފިނޭންސް

29 އޯގަސްޓް 2024

ރޭޓިން އެޖެންސީން ދިން ލަފައާ އެއްގޮތަށް، މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ވަށައިޖެހޭ ރިފޯމެއް ގެންނަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޭޓިން އެޖެންސީން ދިން ލަފައާ އެއްގޮތަށް، މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ވަށައިޖެހޭ ރިފޯމެއް ގެންނަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިޗުގެ ރޭޓިން "ސީސީސީ" އިން "ސީސީ" އަށް ބަދަލުކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ، އާމްދަނީ އިތުރުކޮށް ހަރަދު ކުޑަ ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ އެއާޕޯޓު ޓެކްސް އާއި ގްރީން ޓެކްސްގެ ރޭޓާއި ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި ޖީއެސްޓީ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ސަރުކާރުން އާމްދަނީ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ޑޮލަރުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމާއި ޓާގެޓު ސަބްސިޑީއަށް ބަދަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެ ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިޗުން ދިން ސީސީ ރޭޓިންގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެއަށް ބޮޑެތި ރިސްކުރައް ހުރިކަމެވެ. ފިޗުން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ. ފިޗު ރޭޓިން އެހާ ބޮޑަށް ދަށްކުރަން ޖެހުނީ، ރިޒާވު އެހާ ބޮޑަށް ދަށަށް ގޮސް، ކުރިން ސަރުކާރުން އެޅުމަށް ނިންމާފައިވާ ރިފޯމު ފިޔަވަޅުތައް އެޅުން ލަސްވުމުން މާލީ ނިޒާމަށް ކުރިމަތިވި ތާށިކަން އިތުރުވުމުންނެވެ.