Roadha Mihaaru
ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން

ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން

01 ސެޕްޓެމްބަރ 2024

ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ތަސްލީމް މުހައްމަދު ގެއްލުނީ މޫދަށް ކަމެއް ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ތަސްލީމް މުހައްމަދު ގެއްލުނީ މޫދަށް ކަމެއް ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިގެން ހޯދަަން ފެށިކަން ފުލުހުން އިއްޔެ އިއުލާނުކުރި އިރު އޭނާ ގެއްލިފައިވަނީ އޭގެ 24 ގަޑިއިރު ކުރިންނެވެ.

އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި ދަތުރު ދިޔަފަހުން ތަސްލީމް ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުން ދިނުމާ އެކު ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި އެންއެންޑީއެފުން ބައިވެރިވެ ފިނޮޅުގެ ވަށައިގެން 5،000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އިއްޔެގެ ނިޔަލަށް ވަނީ ބަލައިފަ އެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް ވެސް ބުންޏެވެ.

ދަތުރުދިޔަ ކަމަށް ބުނާ ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަސް ނެތް ތަނެކެވެ. އެއީ މާލެއާ 14 ވަރަކަށް މޭލު ދުރުގައި އޮންނަ ތަނެކެވެ.

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު

އެކަމަކު މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންވެ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ހިދުމަތުން،" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި ތަސްލީމް ގެއްލުނު ކަމަށް ބުނަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ތަސްލީމް އެންމެ ފަހުން ފެނުނީ އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ބުންޏެވެ.

ފުލުހުން ވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް ދަތުރުދިޔަ ބަޔަކު އުޅޭ ނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި އެކަމުގެ މައުލޫމާތު ދިނުމަށް އެދިފަ އެވެ.