Roadha Mihaaru
އެޑެލްގެ އާ ލަވައެއް ދެން އަވަހަކަށް އަޑުނީވޭނެ

އެޑެލްގެ އާ ލަވައެއް ދެން އަވަހަކަށް އަޑުނީވޭނެ

02 ސެޕްޓެމްބަރ 2024

އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް އޭނާގެ މިއުޒިކީ މަސައްކަތުން ބޮޑު ބްރޭކެއް ނަގަން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް އޭނާގެ މިއުޒިކީ މަސައްކަތުން ބޮޑު ބްރޭކެއް ނަގަން ނިންމައިފި އެވެ.

އެޑެލް އެކަން އިއުލާންކުރީ ޖަރުމަނުގެ މިއުނިކްގައި އޭނާ ދެމުން އައި ސިލްސިލާ ޝޯތައް ނިންމާލުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެންމެ ފަހު ޝޯގަ އެވެ. މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ މިއުނިކްގައި 10 ޝޯ ދީފަ އެވެ.

"އަހަރެން އޮތީ 10 ޝޯ ދޭ ގޮތަށް، އެކަމަކު މީގެ ފަހުން ދެން ވަރަށް ގިނަ ދުވަސް ވަންދެން އަހަރެން ނުފެންނާނެ. އެންމެން މަތިން ވަރަށް ހަނދާން ވާނެ. އަހަރެން ބޮޑު ބްރޭކެއް ބޭނުން އަދި ޝައުގުވެރިވާ އެހެން ކަންކަމަށް ވަގުތު ހުސްކުރަން ވެސް ބޭނުންވޭ، ދުވަސްކޮޅަކަށް،" އެޑެލް ބުންޏެވެ.

އެޑެލް މިއުޒިކީ މަސައްކަތުން ބްރޭކެއް ނަގަން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވީ، އެމެރިކާގެ ސްޕޯޓްސް އޭޖެންޓް ރިޗް ޕޯލްއާ މިދިޔަ މަހު އޭނާ އެންގޭޖުވުމުންނެވެ. އެ ދެމީހުން ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށްވެ އެވެ.

އެޑެލް އެންމެ ފަހުން ގެނެސްދިން މިއުޒިކް އަލްބަމަކީ ނޮވެމްބަރު 2021 ގައި ގެނެސްދިން "ތާޓީ" އެވެ. އެ އަލްބަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.