Roadha Mihaaru
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ

ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ

03 ސެޕްޓެމްބަރ 2024

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ފަށާ ޔުއެފާ ނޭޝަންސް ލީގަށް ތައްޔާރުވާ އިންގްލެންޑްގެ ސްކޮޑުގައި ހިމަނާފައިވާ މެންޗެސްޓާ ސިޓީގެ ފޯވާޑް ފިލް ފޮޑެން ގައުމީ ޓީމަށް ދޫކުރަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ނުވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ފަށާ ޔުއެފާ ނޭޝަންސް ލީގަށް ތައްޔާރުވާ އިންގްލެންޑްގެ ސްކޮޑުގައި ހިމަނާފައިވާ މެންޗެސްޓާ ސިޓީގެ ފޯވާޑް ފިލް ފޮޑެން ގައުމީ ޓީމަށް ދޫކުރަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ނުވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ފޮޑެން، ސިޓީން މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ކުޅެފައި ވަނީ އެންމެ މެޗެއްގަ އެވެ. އެއީ ލީގުގެ ފުރަތަމަ މެޗުގެ ދެވަނަ ހާފެވެ. ކޮމިއުނިޓީ ޝީލްޑާއި ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ސްކޮޑުގައި ނުހިމެނެ އެވެ.

ސިޓީން ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ބަލިކުރި މެޗަށް ފަހު ގާޑިއޯލާ ބުނީ ފޮޑެން ގައުމީ ސްކޮޑުގައި ހިމަނާފައިވީ ނަމަވެސް އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ.

"މިވަގުތު އޭނާ ގައުމީ ޓީމާ ގުޅޭނެ ހެނެއް ހިޔެއް ނުވޭ. ހީވަނީ އޭނާ ނުދާނެހެން. އެކަމަކު އަހަރެންނަކަށް ނޭނގޭ. އޭނާ އެހާ ރަނގަޅެއް ނޫން. ތަންކޮޅެއް ބަލިކޮށް އުޅެނީ. އެކަމަކު ގައުމީ ޓީމުން ނިންމާނީ ސްކޮޑަށް ނަގަންޏާ ވެސް،" ފޮޑެންއާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

"އޭނާ އުޅެނީ ބަޑަށް އުނދަގޫވާތީ، ވައިރަހެއްގެ ކަމެއް ހެން ހީވަނީ. އެކަމަކު ބައެއް މީހުން ބުނޭ އޭނާ ރަނގަޅުވާނެޔޭ ބޭސްކޮޅެއް ކާލައިގެން."

ފޮޑެން އަކީ ސިޓީގެ މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި ސިޓީއަށް 27 ގޯލު ޖަހައިދީ، 12 ގޯލު އެސިސްޓް ކޮށްދިން ފޮޑެން ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ހޯދަން ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްދީ، ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ނަމަވެސް ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު ދެ މެޗުގައި ވެސް އޭނާ ނެތް ތަން ޓީމުން މާ ބޮޑަކަށް ނުދައްކަ އެވެ. އިޕްސްވިޗް ޓައުން އާއި ވެސްޓް ހޭމް ޔުނައިޓެޑް ވެސް ބަލިކުރީ އާލިން ހާލަންޑްގެ ހެޓްރިކުންނެވެ.

ނޭޝަންސް ލީގު 2022/2023 ގައި އިންގްލެންޑް ވަނީ ލީގު އޭގެ ގުރޫޕްގެ ފުލަށް ގޮސް، ލީގު ބީ އަށް ރެލިގޭޓް ވެފަ އެވެ. މާނައަކީ، މި ސީޒަންގައި ނޭޝަންސް ލީގު ފައިނަލްސް ކުޅުމުގެ ފުރުސަތެއް އިންގްލެންޑަކަށް ނޯންނާނެ އެވެ.

ދެން އޮންނަ 2026/2027 ނޭޝަންސް ލީގު އޭ އަށް ޕްރޮމޯޓް ވާން، މި ސީޒަންގެ ލީގު ބީގައި އިންގްލެންޑް ހިމެނެނީ ފިންލެންޑާއި ރިޕަބްލިކް އޮފް އަޔަލެންޑް އަދި ގްރީސް އާ އެއް ގުރޫޕެއްގަ އެވެ.

އިންގްލެންޑަށް އިރުޝާދު ދޭނީ އިންޓެރިމް ކޯޗު، ލީ ކާސްލީ އެވެ.