Roadha Mihaaru
"ކޮވިޑް-19 އެކޭ އެއްގޮތަށް ރޭސިޒަމް ނައްތާލަންޖެހޭ"

ކޮވިޑް-19 އެކޭ އެއްގޮތަށް ރޭސިޒަމް ނައްތާލަންޖެހޭ: ސްޓާލިން

08 ޖޫން 2020

ލަންޑަން (ޖޫން 8) - މި ވަގުތު ކުރިމަވެފައި އޮތް ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރާ ގޮތަށް ރޭސިޒަމް (ނަސްލީ ތަފާތުކުރުން) ނައްތާލަން ވެސް ބާރުއަޅަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ތަރި ރަހީމް ސްޓާލިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 8) - މި ވަގުތު ކުރިމަވެފައި އޮތް ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރާ ގޮތަށް ރޭސިޒަމް (ނަސްލީ ތަފާތުކުރުން) ނައްތާލަން ވެސް ބާރުއަޅަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ތަރި ރަހީމް ސްޓާލިން ބުނެފި އެވެ.

މި ދުވަސްވަރަކީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އަޑު އުފުލުން އާންމުވެފައިވާ ވަގުތެކެވެ. އެއީ ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލާފައިވާތީ އެވެ. އެކަމާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތައް ކުރަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކެމްޕެއިންތައް ހިންގަމުންނެވެ.

ކަޅު ނަސްލުގެ ގިނަ ފުޓްބޯޅަ ކުޅުންތެރިންނާ މެޗުތަކުގެ ތެރެއިން ސަޕޯޓަރުން ދިމާކުރެ އެވެ. އެގޮތުން ސްޓާލިންއާ ވެސް ނަސްލީ ގޮތުން ގިނަ ފަހަރެއްގެ މަތިން ވަނީ ދިމާކޮށްފަ އެވެ. އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު މެޗުތަކާއި ސިޓީއާ އެކު އޭނާ ކުޅުނު ބައެއް މެޗުތަކުގަ އެވެ. ސިޓީއާ އެކު އިނގިރޭސި މުބާރާތްތަކާއި ޔޫރަޕްގެ މެޗުތަކުގައި އެކި ފަހަރު މަތިން ސްޓާލިންއާ ތަކުރާރުކޮށް ނަސްލީ ގޮތުން ދިމާކޮށްފައިވާތީ ބައެއް މެޗުތަކުގައި ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވެސް ވެ އެވެ.

އުމުރުން 25 އަހަރުގެ ސްޓާލިން އަކީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފާއިތުވި އަހަރުތަކުގައި އެންމެ ގަދަ އަށް އަޑުއުފުލި އެއް ކުޅުންތެރިޔާ އެވެ.

"މިއީ މި ވަގުތަށް ބަލާއިރު ވެސް ވަރަށް މުހިއްމު ކަމެއް. މިއީ އެތަކެއް އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ކަމެއް. މިހާރު މި އޮތް ކޮވިޑް-19 ގެ ހައްލެއް ހޯދަން މަސައްކަތްކުރާ މި ވަގުތުގައި މިކަން (ނަސްލީ ތަފާތު ކުރުން) ވެސް ނައްތާލަންޖެހޭ،" ބީބީސީ ނިއުސްނައިޓް ޕްރޮގްރާމްގައި ސްޓާލިން ބުންޏެވެ.

މިހާރު ކުރިއަށްދާ ޔޫރަޕްގެ ގިނަ ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތަކުގައި ކުޅުންތެރިން އަންނަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން ޖަރުމަނު ލީގުގައި ލަނޑު ޖެހުމަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅުކުއިރު، ފްލޮއިޑަށް އިންސާފު ހޯދައިދޭން އަޑުއުފުލާފައިވާތީ އެއީ ފުޓްބޯޅައިން ބޭރުގެ ކަމެއްގައި ބައިވެރިވުން ކަމަށް ބުނެ، ޖަރުމަނު އެފްއޭ އިން އެ ކުޅުންތެރިންނަށް އަދަބުދޭން އުޅުނެވެ.

އެކަމާ ގުޅިގެން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރާ އެ ފަދަ ކަންކަމަށް އަދަބުނުދީ ހިތްވަރު ދޭން ގޮވާލައިފަ އެވެ. އެ ހިސާބުން ޖަރުމަނު އެފްއޭ އިން ވަނީ އެ މައްސަލަ ބެލުން ހުއްޓާލައިފަ އެވެ. ފަހުން ގިނަ ޓީމުތަކުން އަންނަނީ އަޑުއުފުލުގައި އެކި ސިފަސިފައިގައި ބައިވެރިވަމުންނެވެ.

ދާދިފަހުން އިޓަލީގެ ތަރި މާރިއޯ ބަލޮޓެލީ ވަނީ ފުޓްބޯޅައިގެ ތެރެއިން ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނާއިންސާފުން ގިނަ ކަންތައްތަކެއް ހިނގާ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މި މަހު 17 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ސްޓާލިންގެ ނަޒަރުގައި ގިނަ ކުޅުންތެރިންތަކެއް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާނެ އެވެ. އަދި ފުޓްބޯޅައިގެ ތެރެއިން މިހާރު ވެސް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކަށް ދޭ ތަރުހީބު ފާހަގަކުރަން ޖެހޭކަން ސްޓާލިން ބުންޏެވެ.