Roadha Mihaaru
"ރިޓަޔާކުރުން އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ"

ރިޓަޔާކުރުން އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ: ރޮނާލްޑޯ

03 ސެޕްޓެމްބަރ 2024

ކައިރި މުސްތަގުބަލެއްގައި ރިޓަޔާ ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅޭވޭނެ ކަމަށް ގަބޫލުކުރާކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 39، ބުނެފި އެވެ.

ކައިރި މުސްތަގުބަލެއްގައި ރިޓަޔާ ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅޭވޭނެ ކަމަށް ގަބޫލުކުރާކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 39، ބުނެފި އެވެ.

"ވަގުތު އައިސް ޖެހުނީމައި އަހަރެން މިކަން ވެސް ދޫކޮށް ކުރިއަށް ދާނަން. އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ،" ބުރާސްފަތި ދުވަހުގެ ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"އަހަރެންނަށް ގައުމީ ޓީމަށް ހިދުމަތެއް ނުކޮށްދެވޭކަން އިހުސާސް ވާއިރަށް އަހަރެން އިސްވެ ގައުމީ ޓީމު ދޫކޮށްލާނަން."

ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ އޮތީ ޕޮލެންޑް އަދި ސްކޮޓްލެންޑާ އެކު އެއް ގުރޫޕެއްގަ އެވެ.

މިއަހަރު އޮތް ޔޫރޯ މުބާރާތަކީ އޭނާ ކުޅުނު ރެކޯޑް ހަ ވަނަ ޔޫރޯ މުބާރާތެވެ. ނަމަވެސް ރޮނާލްޑޯއަށް ލަނޑެއް ނުޖެހި، ޓީމު ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. ފާޑުކިޔުންތައް އަމާޒު ވިއަސް އޭނާ އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭކަން ވަނީ ހާމަ ކޮށްފަ އެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެޓީމަށް އެންމެ ގިނަ މެޗު ކުޅޭދީ، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 212 މެޗުން 130 ގޯލު ޖަހައިދީފަ އެވެ. ކެރިއަރުގައި މިހާތަނަށް 1200 އަށް ވުރެ ގިނަ މެޗު ކުޅެފައިވާ ފޯވާޑް، ކެރިއަރުގެ 900 ވަނަ ގޯލު ހަމަކުރަން ބޭނުންވަނީ އެންމެ ގޯލެކެވެ.

ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އައް ނަސްރަށެވެ.