Roadha Mihaaru
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ

ޖުމްލަ ރިޒާވް 444 މިލިއަނަށް، ޔޫޒަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

08 ސެޕްޓެމްބަރ 2024

މި އަހަރުގެ އޮގަސްޓް މަހުގެ ޖުމްލަ ރިޒާވަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ އޮގަސްޓް މަހުގެ ޖުމްލަ ރިޒާވަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މި ކުރިއެރުމާ އެކު، ޔޫޒަބަލް ރިޒާވް ވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ. ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ހުރީ 45 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރިޒާވު އެންމެ ދަށްކޮށް ހުރި މަހެވެ.

ރިޒާވް އިތުރުވެފައިވަނީ، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ.

ޖުމްލަ ރިޒާވް އިތުރުވިޔަސް، މިވަގުތު ޔޫޒަބަލް ރިޒާވްގައި ހުރީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށް ފުދޭ ވަރަށެވެ.

މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ޖުމްލަ 588 މިލިއަން ޑޮލަރަށް އެރި އެވެ.

އެވްރެޖް ޔޫޒަބްލް ރިޒާވު:

● 2022: 293 މިލިއަން ޑޮލަރު

● 2023: 161 މިލިއަން ޑޮލަރު

● 2024 (7 މަސް): 93 މިލިއަން ޑޮލަރު

މިއަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 110 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.

ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭ އިން އަންނަނީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.