Roadha Mihaaru
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި

08 ސެޕްޓެމްބަރ 2024

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

މިދިޔަ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާލިބޭ ހަތް މީހުންގެ ތެރެއިން ހަ މީހުންގެ ފަރާތުން އެދުނީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތެއް ދިނުމަށެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ވަކީލުން އައްޔަން ކުރަން ގިނަވެގެން ދެވޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާލިބޭ މީހުންގެ މިއަދުގެ އަޑުއެހުމުގައި ބައިވެރިވަނީ

ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާލިބޭ މީހުންގެ މިއަދުގެ އަޑުއެހުމުގައި ބައިވެރިވަނީ

ދައުވާލިބޭ މީހުންގެ ތެރެއިން މައިސާން މިއަދު ކޯޓަށް ހާޒިރު ނުކުރެވޭތީ އޭނާގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ. ގާޒީ އިހްސާން ވިދާޅުވީ މައިސާން ހާޒިރު ނުކުރެވުނީ ފުލުހުންނަށް ދިމާވި އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް ޖަލުގައި ތިބޭއިރު ސިއްހީ ފަރުވާ ނުލިބޭ ކަމަށް އޭގެ ތެރެއިން ދެ މީހަކު ބުންޏެވެ. އެހެންވެ، އެކަން ހިނގާފައިވާ ގޮތެއް ބެލުމަށް ދައުލަތުގެ ވަކީލުންނަށް ގާޒީ އެންގެވި އެވެ.

އެ ހަތް މީހުންގެ ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.