Roadha Mihaaru
ފުރަތަމަ ފަހަރަށް ކޮންޓިނުއަސް ޝަރީއަތެއް ބާއްވައިފި

ފުރަތަމަ ފަހަރަށް ކޮންޓިނުއަސް ޝަރީއަތެއް: އަށް ގަޑިއިރު ހޭދަވި

25 އޮކްޓޯބަރ 2020

ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ކޮންޓިނުއަސް ހިއަރިންއެއް ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ކޮންޓިނުއަސް ހިއަރިންއެއް ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ އިޖުރައާތުގެ ގާނޫނު ތަސައްވުރު ކުރާ ގޮތަށް މެދުކެނޑުމެއް ނެތި ފުރަތަމަ ފަހަރަށް އިއްޔެ ކުރިއަށް ގެންދިޔަ އަޑުއެހުން އަށް ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ ކަމަށެވެ. އެ އަޑުއެހުމުގައި އެކަނި ވެސް 14 މީހެއްގެ ހެކިބަސް ނަގާފައިވާ ކަމަށާއި އެއީ ތާރީޚީ ދުވަހެއް ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

ޝަމީމްގެ ޓްވީޓްގައިވާ ގޮތުން އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމުން ދޮޅު އަހަރުން ކުރިއަށް ގެންދެވޭ މަރުހަލާ އެއް ހަފުތާއަކަށް ކުރު ކުރެވޭނެ އެވެ.

ޝަމީމްގެ ޓްވީޓް

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބޭ މީހެއްގެ ޝަރީއަތެވެ. އެ މީހާގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ އާއި ޝަހްސު އޮޅުވައިލުމުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއްގެ އިތުރުން ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނު ބުނާގޮތުން ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް މެދުކެނޑުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންގޮސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަައްސަލަ ނިންމުމަކީ އެ ގާނޫނު މަގުސަދެކެވެ. އެހެންވެ، އިބްތިދާއީ މަރުހަލާ ނިމުމަށް ފަހު ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވައިލުމާއި އަޑުއެހުންތައް ނިންމާތާ 30 ދުވަސް ތެރޭގައި ހުކުމް ކުރަން ވެސް އެ ގާނޫނު ލާޒިމް ކުރެ އެވެ.

އެކަމަކު، މިހާތަނަށް ގިނަ މައްސަލަތަކުގައި އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ނިންމުމަށް ފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުކުމް ނުކޮށް އެބަހުއްޓެވެ.