Roadha Mihaaru
އާއިލާގެ ތަނބަކީ އެކްސިޑެންޓުވި ޒުވާން އަޔާޒް

އާއިލާގެ ތަނބަކީ އެކްސިޑެންޓުވި ޒުވާން އަޔާޒް

09 ސެޕްޓެމްބަރ 2024

އަހުމަދު އަޔާޒް ބީޓެކް ސްޓްރީމުން އެންމެ މޮޅު ދަރިވަރުގެ ޝަރަފާ އެކު ސްކޫލް ނިންމާލުމާ އެކު ލިބުނު އިންޓާންޝިޕްގައި ރިސޯޓް ވަޒީފާ ފަށައި އާއިލާގެ ޒިންމާތައް ނަގަން ފެށި އެވެ. ހަގަށް ތިބި ތިން ކޮއްކޮއަށް ކިޔަވައިދީ، މަންމަ އާއި ބައްޕަގެ ހަރަދުތަކާ ހަވާލުވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހުމަދު އަޔާޒް ބީޓެކް ސްޓްރީމުން އެންމެ މޮޅު ދަރިވަރުގެ ޝަރަފާ އެކު ސްކޫލް ނިންމާލުމާ އެކު ލިބުނު އިންޓާންޝިޕްގައި ރިސޯޓް ވަޒީފާ ފަށައި އާއިލާގެ ޒިންމާތައް ނަގަން ފެށި އެވެ. ހަގަށް ތިބި ތިން ކޮއްކޮއަށް ކިޔަވައިދީ، މަންމަ އާއި ބައްޕަގެ ހަރަދުތަކާ ހަވާލުވި އެވެ.

ޅ. ނައިފަރަށް އުފަން އަޔާޒް އުމުރުން އެންމެ 20 އަހަރުގައި އާއިލާގެ ޒިންމާތައް ނަގައިގެން އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓާ އެކު މުޅި އާއިލާ ތިބީ ހުއްޓުމަކަށް އައިސްފަ އެވެ.

އަޔާޒް ސައިކަލްގައި ދަނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓުވީ ރިސޯޓު ދިރިއުޅުމުން ބްރޭކެއް ނަގަން ބޭނުންވެ އަޔާޒް މީގެ ތިން މަސް ބަދަލުވި އެއާޕޯޓްގެ ވަޒީފާއަށް ދިޔަ މަގުމަތީ ފިހާރަޔަކަށް ދަނިކޮށެވެ. ހެނދުނު 6:50 ހާއިރު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކާ އެކު އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ކުޑަ އާއިލާގެ މައިތަނބު ކަމަށްވާ އަޔާޒަށް ދިމާވި ހިތާމަވެރި ގޮތުގެ ވާހަކަ ކިޔައިދޭން އެ މީހުންނަކަށް ފަސޭހައެއް ނޫނެވެ. އަޔާޒްގެ މަންމަ ފަރާތުގެ ބޮޑުދައިތައެއް ކަމަށްވާ ނާޒްނީން މުހައްމަދު "މިހާރު" އަށް އިއްޔެ ކިޔައިދިން ގޮތުގައި ކޮއްކޮގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ވެންޓިލޭޓަރުގައި އޮތަސް އަޔާޒަށް މި ވަގުތު އިތުރު ފަރުވާއެއް ނުދޭ ކަމަށް އާއިލާއިން ބުންޏެވެ.

އަޔާޒުގެ އާއިލާގާއި އޭނާއާ ޖެހިގެން ހަގަށް ހުރި ކުއްޖާއަށް މި މަހު 18 އަހަރުވާނެ އެވެ. ދެން ހުރީ ހަތަރު އަހަރުގެ ކުއްޖެކެވެ. އެންމެ ހަގަށް ހުރި ކޮއްކޮއަށް އަހަރެއް ވާނީ މި މަހުގެ ތެރޭގަ އެވެ.

ނާޒްނީން ބުނީ އަޔާޒްގެ ބައްޕައަށް މީގެ އަހަރެއް ކުރިން ހާޓް އެޓޭކެއް ޖެހުމުން، ބައްޕަ ލައްވާ ބުރަ މަސައްކަތްކުރުވަން ދޮށީ ދަރިފުޅު ބޭނުން ނުވީ ކަމަށެވެ. ގޭގެ ހުރިހާ ޒިންމާއަކާ އަޔާޒު ހަވާލުވީ އެހެންވެ އެވެ.

"އަށާރަ އަހަރު ވީއްސުރެ އޭނަ މަސައްކަތްކުރޭ. އަޔާޒު، އޭނާގެ ގެ ހިންގަނީ އޭނާ. މަންމަ އާއި ބައްޕައަށް ހުރިހާ އެއްޗެއް ދީގެން އެ އުޅެނީ،" ނާޒްނީން ބުންޏެވެ.

"އާއިލީ ޒިންމާތައް ވަރަށް ކުޑައިރު، ސްކޫލު ނިމުނުތަނާ އެ ޒިންމާ ނަގައިފި. ކުޑައަށް ތިބި ތިން ކޮއްކޮ ބަލައިދީ، މަންމަ އާއި ބައްޕަ ބަލައިދީ، އެ މީހުންނަށް ކާންބޯންދީ، އެ ހުރިހާ ކަމެއް ކުރަނީ އޭނާ."

ހިޔާ ފްލެޓުގައި، ވަޒީފާއަށް ދާ ކުދިން ބަހައްޓާ ތަނެއްގައި އުޅެމުން ދިޔަ އަޔާޒަށް ކަމެއް ދިމާވެގެން އުޅޭކަން ވެސް އެނގުނީ، ނާޒްނީން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، އެ ތަނުގައި ހުރި ރަށުގެ އެހެން މީހަކަށް ފެނިގެން ގުޅާފައި އެ ވާހަކަ ބުނުމުންނެވެ.

އެކަމަކު، އޭރު ވެސް މާ ބޮޑު ކަމެއް ދިމާވެގެން އުޅޭ ކަމެއް ނޭނގެ އެވެ.

"ހީކުރީ ގައިގެ ތަންތަން މަށައިގެން ދިއުން ކަހަލަ އަނިޔާތައް ކަމަށް ވެފައި ހުންނާނީ،" އާއިލާއިން ބުންޏެވެ.

ނާޒްނީން ބުނީ އަޔާޒަކީ އާއިލާގެ އެންމެންނަށް އަދި ރައްޓެހިންނަށް ވެސް ވަރަށް އޯގާތެރި، ހިތްހެޔޮ ޒުވާނެއް ކަމަށެވެ. އެ އެންމެން ވެސް ތިބީ އޭނާ އެކަމުން އަރައިގަނެ، އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

"މިހާރުގެ މި ޒަމާނަށް ބަލާއިރު އެ ކަހަލަ ދަރިއަކު އަޅުގަނޑު ދެކޭ ގޮތުގައި ލިބުމަކީ ހަމަ ނަސީބެއް. އެ ވަރުގެ ކޮއްކޮއެއް ވެސް ބޭބެއެއް ވެސް އަދި ދަރިއެއް ވެސް މި ޒަމާނުގައި ނުލިބޭނެ. އެއީ ހަމަ ޖަވާހިރެއް." ނާޒްނީން ބުންޏެވެ.