Roadha Mihaaru

ވިލިނގިލީގައި އެކްސިޑެންޓްވި ޒުވާނަކު ނިޔާވެއްޖެ

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ވިލިނގިލީގައި އެކްސިޑެންޓްވި ޒުވާނަކު ނިޔާވެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 ނޮވެމްބަރ 2025

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދު އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފަ އެވެ. އޭނާ މިއަދު މެންދުރު ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އޭނާއަށް މި ފަހުން ވަނީ ފިޓް ޖެހުމުގެ މައްސަލަ ދިމާވާން ފަށައިފަ އެވެ. އަދި އެކްސިޑެންޓް ހިނގީ ވެސް ފިޓްޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ވެއްޓުނުތާ އެތައް އިރެއްފަހުން ފުލުހުންނަށް ވެސް ފެނުނީ ގޯޅިއެއް ވީމަ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.