Roadha Mihaaru
ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީ ރީބްރޭންޑް ކޮށްފި

ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީ ރީބްރޭންޑް ކޮށްފި

10 ސެޕްޓެމްބަރ 2024

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުގެ ނަން ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ރީ ބްރޭންޑުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުގެ ނަން ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ރީ ބްރޭންޑުކޮށްފި އެވެ.

އެ ފެކަލްޓީ ބިޒްނަސް ސްކޫލެއްގެ ގޮތުގައި ރީބްރޭންޑުކޮށް އެކަން އިއުލާނުކުރީ މިއަދު އެ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުދި ވިޔަފާރިތައް ފުޅާކޮށް ބިނާ ކުރުމަށް، އެ ފަރާތްތަކުގެ މަސައްކަތްތައް ކުރުމަށް ހާއްސަ ވޯކިން ސްޕޭސްއަކާ އެކު އެ ކޮލެޖުން ވަނީ އިންކިއުބޭޝަން ސެންޓަރެއް ވެސް ލޯންޗުކޮށްފަ އެވެ. މި ސްކޫލާއި ސެންޓަރު ލޯންޗުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ އެ ފެކަލްޓީ ބިޒްނަސް ސްކޫލަކަށް ބަދަލުކުރަނީ ބައިނަލްއަގުވާމީ އެކްރެޑިޓޭޝަން ހޯދުމުގެ ގޮތުން ކަމަށެވެ. އަދި މިއީ އެ ފެކަލްޓީން ދޭ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ކިޔަވައިދޭން ފެށީ 2007 ވަނަ އަހަރު އެވެ. މި ފެކަލްޓީ އަކީ އޭސީސީއޭ އެކްރެޑިޓެޑް އަދި ބިޒްނަސް އެޑިއުކޭޝަން އެލަޔަންސްގައި ވެސް ހިމެނޭ ތަނެކެވެ. އަދި ރާއްޖޭގައި އެމްބީއޭ ޕްރޮގުރާމް އަލަށް ފެށީ ވެސް އެ ފެކަލްޓީންނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ވިލާ ކޮލެޖް

އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ވިލާ ކޮލެޖް

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ ގޮތުން ޓޫރިޒަމް ފިޔަވާ އިތުރު ދާއިރާތައް ތަރައްގީކުރަން ޖެހޭ ކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ވިޔަފާރިތައް ފުޅާ ކުރުމުގައި ތައުލީމު މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިޒްނަސް ކިޔަވާ ދަރިވަރުންނަށް ރާއްޖޭގައި ވެސް ފަހި ފުރުސަތުތަކެއް ހުރި ކަމަށާއި އެހެންވެ، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑު މިއަދު ހުރިހާ ދަރިވަރުންނަށް ވެސް، އެ ކުއްޖަކީ ކޮންމެ ސިޔާސީ ވިސްނުމެއް ހުރި ނަމަވެސް، ކޮންމެ އައިޑިއަލޮޖީތަކެއް ހުރި ނަމަވެސް ގައުމު ބިނާ ކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ދައުވަތު ދެން." މިނިސްޓަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުން މިއަދު ލޯންޗުކުރި އިންކިއުބޭޝަން ސެންޓަރަކީ ވިޔަފާރިތަކަށް ބޭނުންވާ ގައިޑެންސާއި މެންޓާޝިޕް ދޭނެ ތަނެކެވެ. އަދި މި ތަނުން އެކި ދާއިރާތަކުގެ ވިޔަފާރިތަކުގެ މަސައްކަތްތައް ކުރެވޭނެ އެކި ފެސިލިޓީތައް ހުންނާނެ އެވެ.

މިނިސްޓަރު ސައީދާއި ވިލާ ކޮލެޖްގެ އިސްވެރިން އެ ރަސްމިއްޔާތުގައި --- ފޮޓޯ/ވިލާ ކޮލެޖް

މިނިސްޓަރު ސައީދާއި ވިލާ ކޮލެޖްގެ އިސްވެރިން އެ ރަސްމިއްޔާތުގައި --- ފޮޓޯ/ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖަކީ ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ކިޔަވާ ދެމުންދާ ކޮލެޖު ކަމަށެވެ. އަދި މި ކޮލެޖަކީ ޓެކްނޮލޮޖީގެ އެހީގައި އިނޮވޭޓިވް ވިޔަފާރިތަކެއް ފެށުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭ ތަނެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޖީބު ވިދާޅުވީ އަލަށް ހުޅުވި އިންކިއުބޭޝަން ސެންޓަރުގެ ސަބަބުން ބިޒްނަސް މޮޑިއުލްތައް ކިޔަވާ ދަރިވަރުންގެ ތިއަރީތައް އަސްލު ވިޔަފާރިތަކަކަށް ހެދުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި މި ވޯކިން ސްޕޭސް އެހީގައި ގިނަ ވިޔަފާރިތަކެއް ބިނާވެ، ފުޅާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.