Roadha Mihaaru
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް

10 ސެޕްޓެމްބަރ 2024

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަންދާ، މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަންދާ، މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް އާ އެކުގަ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ހަ ދާއިރާއަކުން 561 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް އިން ނިންމާފައިވާ ކަމަށެވެ. އެއީ:

- އާރޓްސް އެންޑް ހިއުމެނިޓީސް: 75 ސްކޮލަޝިޕް

- އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ: 150 ސްކޮލަޝިޕް

- ލައިފް ސައިންސަސް އެންޑް މެޑިސިން: 63 ސްކޮލަޝިޕް

- ނެޗުރަލް ސައިންސަސް: 11 ސްކޮލަޝިޕް

- ސޯޝަލް ސައިންސެސް އެންޑް މެނޭޖްމަންޓް: 255 ސްކޮލަޝިޕް

- އެހެނިހެން: 7 ސްކޮލަޝިޕް

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

"މި އެއްބަސްވުމުން ރަމްޒު ކޮށްދެނީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި، ދެ ގައުމުން ތައުލީމީ މަރުކަޒުތަކުގެ ތަރައްގީގެ އިތުރުން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދެއްވާ އަހަމިއްޔަތު،" މާރިޔާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ދޫކުރާ ސްކޮލަޝިޕްތަކުގައި ދަރިވަރުންގެ ކޯސްފީއިން ދޭ މާލީ އެހީގެ އިތުރުން، ދަރިވަރުންނަށް ވިސާ އަދި އިދާރީ ކަންކަން ހަމަޖެއްސުމުގައިވެސް މެލޭޝިއާގެ އިދާރާތަކުގެ ލުއިފަސޭހަކަން ހޯދައިދޭނެ ކަމަށް ގްލޯބަސް ސާވިސް އިން ވަނީ ބުނެފަ އެވެ.

މެލޭޝިއާ އަކީ އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ އެއް ގައުމެވެ. އެގޮތުން އެ ގައުމުގައި 1700 އަށް ވުރެ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލް ކުރަމުންނެވެ.